ބޮޑުތަކުރުފާނުމަގު އުތުރު ފަރާތް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، އެ ސަރަހައްދުގައި ތާރުއެޅުމުގެ މަސައްކަތް ފެށުމަށްޓަކައި އެ މަގުގެ ބައެއް ބަންދުކުރުމަށް ނިންމައިފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ތާރުއެޅުމުގެ މަސައްކަތް ކުރިއަށްދާތީ މާދަމައިން ފެށިގެން އެ ސަރަހައްދަށް އުޅަނދުފަހަރަށް ނުވަދެވޭނެއެވެ. އެގޮތުން މިރޭ މެންދަމު 12:00 އިން ފެށިގެން މަސައްކަތް އެއްކޮށް ނިމެންދެން އެ ސަރަހައްދު އާންމު ދަތުރުފަތުރަށް ބަންދުވާނެކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
ބޮޑުތަކުރުފާނުމަގުގެ މިހާރު ތަރައްޤީކުރަމުންދާ ސަރަހައްދު ތާރުއެޅުމުގެ މަރުހަލާއަށް އައިސްފައިވާއިރު، ކޭބަލް ޖަންގްޝަންތަކާއި، ދުވާރު އަދި ފެންހޮޅި އެޅުން ފަދަ މުހިންމު ގިނަ މަސައްކަތްތަކެއް މިހާރު ވަނީ ނިންމާލެވިފައެވެ. މި މަޝްރޫޢު ނިމުމުން މަގުގެ ޖާގަ ތަނަވަސްވެ، އެ ސަރަހައްދަށް ދިމާވެފައިވާ ޓްރެފިކް ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.
ދައުލަތުގެ ބަޖެޓުން 144.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން އެމް.ޓީ.ސީ.ސީ. އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ. ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢުގެ ތެރެއިން، މާލޭ ވިޔަފާރި ބަނދަރާ ހިސާބުން ފެށިގެން އެމް.އެމް.އޭ. އާ ހަމައަށް މިހާރު ވަނީ ތަރައްޤީކޮށް ނިންމާލެވިފައެވެ.




