ފެނަކަ ކޯޕަރޭޝަންގެ ހިންގުން ހަރުދަނާކޮށް، ކުންފުނި ރީސްޓްރަކްޗަރ ކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން، މުވައްޒަފުންނަށް މުސާރަ ލިބޭ ގޮތަށާއި މުސާރަ ނުލިބޭ ގޮތަށް ދޫކުރާ ޗުއްޓީތައް (ޕޭ ލީވް އަދި ނޯ ޕޭ ލީވް) ވަގުތީގޮތުން މެދުކަނޑާލުމަށް އެ ކުންފުނިން ނިންމައިފިއެވެ.
މިއަދު އެ ކުންފުނީގެ އެންމެހައި ބްރާންޗްތަކާއި ޑިޕާޓްމެންޓުތަކަށް ފޮނުވި ސާކިއުލާއެއްގައި ބަޔާންކޮށްފައިވަނީ، ކުންފުނި "ރައިޓްސައިޒް" ކުރުމުގެ އޮޕަރޭޝަނެއް މިހާރު ކުރިއަށްދާ ކަމަށެވެ. އެހެންކަމުން، މިއަދުން ފެށިގެން އެއްވެސް މުވައްޒަފަކަށް ޕޭ ލީވް ނުވަތަ ނޯ ޕޭ ލީވް ދޫނުކުރުމަށް ވަނީ އަންގާފައެވެ.
މިދިޔަ އޭޕްރިލް މަހު މުޙައްމަދު އަފީފް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ކުންފުނީގެ ހިންގުމަށް އަންނަނީ މުހިންމު އިސްލާހީ ބަދަލުތަކެއް ގެންނަމުންނެވެ.
މިގޮތުން، ކުންފުނިން ވަކިވާން ބޭނުންވާ މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރައާއެކު ވަކިވުމުގެ ފުރުސަތުވެސް ދާދިފަހުން ވަނީ ހުޅުވާލާފައެވެ.
މީގެ އިތުރުން، ކުންފުނީގެ އެތެރޭގެ މެމޯއެއް މެދުވެރިކޮށް ވަނީ ހުރިހާ މުވައްޒަފުންގެ ޕޮލިސް ރިޕޯޓް ހޯދުމަށްފަހު، ކުރިއަށް އޮތް ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެޑް އޮފީހަށް ފޮނުވުމަށް އަންގާފައެވެ.
އެމްޑީ އަފީފް ފާހަގަކުރެއްވި ގޮތުގައި، ކުންފުނީގެ މާޒީގައި ހިނގާފައިވާ ކަންކަމާ ގުޅޭގޮތުން އޮޑިޓްތަކުންނާއި އެކި މުއައްސަސާތަކުން ކުރި ތަހުގީގުތަކުން، އިސްލާހުކުރަންޖެހޭ ގިނަ ކަންތައްތަކެއް ވަނީ ފާހަގަކުރެވިފައެވެ.
މިހާރު ކުރިއަށްދާ މަސައްކަތްތަކަކީ އެ މައްސަލަތައް ހައްލުކޮށް ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް އަޅަމުންދާ ފިޔަވަޅުތަކެކެވެ.



