މި އަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރާނެ ރަށެއް ކަނޑައެޅުމަށްޓަކައި، އެކަމަށް ޝައުގުވެރިވާ ރަށްތަކަށް ފުރުސަތު ހުޅުވާލައި، އެ މުއްދަތު މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.
ފިޝަރީޒް މިނިސްޓްރީން ހާމަކުރި ގޮތުގައި، މި މުއްދަތު އިތުރުކުރަން ނިންމީ އަޟްޙާ އީދާ ގުޅިގެން ސަރުކާރު ބަންދު ދުވަސްތަކެއް އައުމާ ގުޅިގެންނެވެ. މީގެ ކުރިން މިކަމަށް އެދި ހުށަހެޅުމަށް ދީފައިވާ ސުންގަޑިއަކީ މިދިޔަ މަހުގެ 31 ވަނަ ދުވަހެވެ.
އެހެންކަމުން، މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ޝައުގުވެރިވާ ރަށްރަށުން މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން، ސަރުކާރުގެ ރަސްމީ ޖެމްސް މެދުވެރިކޮށް އެކަމަށް އެދި ހުށަހަޅަންޖެހޭނެއެވެ.
މިކަމާ ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާ ފަރާތްތަކުން، އެ މިނިސްޓްރީގެ ނަންބަރު 3339274 އަށް ގުޅުއްވުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ނިމިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ހަރަކާތްތައް ބާއްވާފައިވަނީ ރ. ދުވާފަރުގައެވެ.



