އިސްލާމީ މަތިވެރި ދެ ޢީދު ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު، މުޅި ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި އިސްލާމިކް މިނިސްޓްރީން ޚާއްޞަ "މާސްޓަރ ޕްލޭނެއް" އެކުލަވައިލުމުގެ މަސައްކަތް ފަށައިފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވި ގޮތުގައި، 1448 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ދެ ޢީދު ފާހަގަކުރުމަށް އަމަލުކުރާނެ މި ޕްލޭން އެކުލަވައިލުމުގެ މަސައްކަތް މިހާރު ވަނީ އެ މިނިސްޓްރީގެ ޚާއްޞަ ކޮމިޓީއަކާ ޙަވާލުކުރެވިފައެވެ. މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ އިސްލާމީ އުޞޫލުތަކުގެ ތެރެއިން، އުފާވެރި އަދި އެއްބައިވަންތަ މާޙައުލެއްގައި ޢީދު ފާހަގަކުރުމުގެ އިންތިޒާމުތައް އިތުރަށް ހަރުދަނާކޮށް ފުރިހަމަކުރުމެވެ.
މި ޕްލޭންގެ ދަށުން، ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން އަދި އަތޮޅުތަކުގައި ޙަރަކާތްތެރިވާ އިސްލާމީ މަދަނީ ޖަމިއްޔާތަކުގެ ބައިވެރިވުމާއެކު ޢީދުގެ ޙަރަކާތްތައް ރޭވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ރާއްޖޭގެ ބޮޑެތި ސިޓީތަކުގައި ޢީދު ފާހަގަކުރުމަށް ވަކިން ޚާއްޞަ އަދި މުހިންމު އިވެންޓްތަކެއް ހިމެނުމަށް ނިންމާފައިވާއިރު، މި މަސައްކަތް ކުރިއަށްދާނީ މިނިސްޓްރީ އޮފް ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ގުޅިގެން ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.



