ނ. މާފަރުގައި ހަދާ ރާއްޖޭގެ މޫސުން ބަލާ ހަ ވަނަ ވެދާ އޮބްޒަވޭޓަރީގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި އޭވިއޭޝަން މީޓިއޮރޮލޮޖިކަލް ހިދުމަތްތައް ގާއިމުކުރުމަށްޓަކައި، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އާއި އައިލެންޑް އޭވިއޭޝަން ސާވިސަސް ގުޅިގެން މަސައްކަތް ފަށާފައިވާ ކަމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން ހާމަކޮށްފިއެވެ.
ސަރުކާރުގެ ރަސްމީ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި އެއްބަސްވުމުގެ ދަށުން މާފަރު އެއާޕޯޓުގައި އަލަށް ގާއިމުކުރާ މޫސުމީ އޮބްޒަވޭޝަން ސްޓޭޝަނަށް ބޭނުންވާ ޒަމާނީ އާލާތްތައް ހަރުކުރުމުގެ އަމަލީ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ މަދަނީ ވައިގެ ދަތުރުފަތުރުގެ ބައިނަލްއަގުވާމީ މިންގަނޑުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އޭވިއޭޝަން ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންވާ މޫސުމީ މައުލޫމާތާއި ރިޕޯޓުތައް އިތުބާރު ހުރި ގޮތެއްގައި ފޯރުކޮށްދިނުމެވެ.
މެޓް އޮފީހާ ހަވާލާދީ މިނިސްޓްރީން ފާހަގަކުރި ގޮތުގައި، މިއީ އެއާޕޯޓުގެ އޮޕަރޭޝަންތަކަށް ބޭނުންވާ މޫސުމީ މައުލޫމާތު އެއްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މީގެ އިތުރުން، "ސިސްޓަމެޓިކް އޮބްޒަވޭޝަން ފައިނޭންސިން ފެސިލިޓީ" މަޝްރޫއުގެ ދަށުން މި ނިޒާމު ކުރިމަގުގައި އިތުރަށް ތަރައްގީކޮށް ފުރިހަމަކުރުމަށް ވަނީ ރޭވިފައެވެ.
މި އޮބްޒަވޭޓަރީ ގާއިމުވުމުން، މާފަރު އެއާޕޯޓުގެ މޫސުމީ ނިޒާމު ދުނިޔޭގެ މޫސުމާ ބެހޭ ޖަމިއްޔާގެ "ގްލޯބަލް ބޭސިކް އޮބްޒަވޭޝަން ނެޓްވޯކް" މިންގަނޑުތަކަށް ފެތި، ބައިނަލްއަގުވާމީ ފެންވަރުގެ ހިދުމަތެއް ފޯރުކޮށްދިނުމުގެ މަގު ފަހިވެގެންދާނެއެވެ.



