މަސްވެރިންނަށް ޚާއްޞަ އަގެއްގައި ތެޔޮ ފޯރުކޮށްދިނުމުގެ ޚިދުމަތް ގދ. ތިނަދޫގައި ފަށާފައިވާކަން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ކުރިން މި ޚިދުމަތް ލިބެމުންދިޔައީ އެންމެ 4 ސަރަހައްދަކުން ކަމަށްވީ ނަމަވެސް، މިހާރު އިތުރު 11 ސަރަހައްދެއް ހިމެނޭހެން ޖުމްލަ 15 ސަރަހައްދަކުން މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެއެވެ. އެންމެ ފަހުން މި ޚިދުމަތް ތަޢާރަފުކުރެވުނީ ގދ. ތިނަދޫގައެވެ. މި ވަގުތު މި އިންތިޒާމު ހަމަނުޖެހި އޮތީ ރ. އަތޮޅާއި ތ. އަތޮޅުގައި އެކަންޏެވެ.
މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ ސަރަޙައްދުތަކަކީ:
ހއ. އިހަވަންދޫ
ހދ. ހަނިމާދޫ
ށ. މިލަންދޫ
ރ. ދުވާފަރު
ބ. އޭދަފުށި
ޅ. ފެލިވަރު
ކ. ހިންމަފުށި
ފ. ނިލަންދޫ
ދ. ކުޑަހުވަދޫ
ދ. މީދޫ
ގދ. ތިނަދޫ
ގއ. ކޫއްޑޫ
ފުވައްމުލައް ސިޓީ
ސ. ހުޅުމީދޫ
ހުޅުމާލެ ޖެޓީ
މިފްކޯ މެދުވެރިކޮށް ހެޔޮ އަގުގައި ތެޔޮ ދޫކުރުމުގައި އުޅަނދުފަހަރުގެ ބޮޑުމިނަށް ބަލައި ކަނޑައެޅިފައިވާ މިންވަރުތަކަކީ:
- 85 ފޫޓަށްވުރެ ބޮޑެތި އުޅަނދުތަކަށް: 5,000 ލީޓަރު
- 50 ފޫޓާއި 85 ފޫޓާ ދެމެދުގެ އުޅަނދުތަކަށް: 3,000 ލީޓަރު
- 50 ފޫޓަށްވުރެ ކުދި އުޅަނދުތަކަށް: 1,500 ލީޓަރު
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިޔަ ނަމަވެސް، މަސްވެރިކަމުގެ ސިނާޢަތަށް އޭގެ ނޭދެވޭ އަސަރު ކުޑަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ އިރުޝާދުފުޅެކެވެ. މި ސިޔާސަތުގެ ދަށުން، މަސްވެރި އުޅަނދުފަހަރަށް ލުއި އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ސަރުކާރުން މިހާރު ވަނީ ފުޅާކޮށްފައެވެ.




