ބާރަ އަހަރުގެ މެދުކެނޑުމަކަށްފަހު، އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝިޔާމް އަލުން ފުލުހުންގެ ޚިދުމަތަށް ނުކުންނަވަން ފަށްޓަވައިފިއެވެ.
މަޤާމުގެ ނުފޫޒު ބޭނުންކުރެއްވިކަމުގެ ތުހުމަތުގައި 2014 ވަނަ އަހަރު ޝިޔާމް ވަޒީފާއިން ވަކިކުރި ނަމަވެސް، ހައިކޯޓުން އެ މައްސަލަ ބެލުމަށްފަހު ނިންމާފައިވަނީ އޭނާއަށް އަލުން ވަޒީފާ އިއާދަކޮށްދިނުމަށެވެ. މީގެ އިތުރުން، ވަޒީފާއިން ވަކިކޮށްފައި ހުރި މުއްދަތުގެ މުސާރައާއި އިނާޔަތްތައް ދިނުމަށްވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ހައިކޯޓުގެ ޙުކުމާ އެއްގޮތަށް ޝިޔާމަށް އަލުން ވަޒީފާ ދީފައިވާއިރު، މިއަދު އޭނާ ވަނީ ޔުނީފޯމްގައި ރަސްމީކޮށް އޮފީހަށް ނުކުންނަވަން ފަށްޓަވާފައެވެ. މިކަމާ ގުޅޭގޮތުން ޝިޔާމް ވިދާޅުވީ، މިއީ އޭނާއަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި، އިންސާފު ހޯދުމަށް ކުރި މަސައްކަތުގައި އެކި ގޮތްގޮތުން އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރާ ކަމަށެވެ.
ޝިޔާމް ވަޒީފާއަށް ނުކުންނަވަން ފެއްޓެވި ނަމަވެސް، 12 އަހަރުގެ މުސާރަ ދިނުމަށް ހައިކޯޓުން ކުރި ޙުކުމުގެ ބައި، ދައުލަތުގެ ފަރާތުން މިހާރު ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.



