ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ދޫކޮށްފައިވާ ފްލެޓްތަކުގެ ކުލި ނުދެއްކިގެން ނުވަތަ އެހެނިހެން މަޖުބޫރީ ހާލަތްތަކާ ހުރެ ފްލެޓް ދޫކޮށްލަންޖެހޭ ނުވަތަ ވިއްކާލަންޖެހޭ ފަރާތްތަކަށް މާލޭގެ ދަފްތަރުން ޖާގަ ދިނުމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ވަނީ ކަނޑައަޅާފައެވެ.
މި ހުށަހެޅުން ކައުންސިލްގެ ބައްދަލުވުމަށް ހުށަހެޅުއްވީ މޭޔަރު އާދަމް އާޒިމްއެވެ. މޭޔަރުގެ އިސްނެންގެވުމަކީ މާލީ ދަތިކަމުގެ ސަބަބުން ފްލެޓް އަތުލެވޭ ހާލަތްތަކުގައާއި، ކުލި ނުދެއްކިގެން ފްލެޓް ވިއްކާލަންޖެހޭ ހާލަތްތަކުގައި، އެ ތަންތަނުގެ ރަޖިސްޓްރީގައި ހިމެނޭ މީހުން މާލޭ ދަފްތަރުގައި ހިމެނުމެވެ.
މި ނިންމުމާ މެދު ބައެއް ކައުންސިލަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެ ބޭފުޅުން ފާހަގަކުރެއްވި ގޮތުގައި، މިފަދަ ފުރުސަތެއް އޮތުމުން ގަސްދުގައި ކުލި ނުދެއްކުމުގެ އާދަ އަށަގަނެ، ފްލެޓް ވިއްކުމަކީ ވިޔަފާރިއަކަށް ބަދަލުވެދާނެއެވެ. އަދި ދަފްތަރުން ޖާގަ ދިނުމުގެ ކުރިން އެ މީހެއްގެ ނުވަތަ އާއިލާގެ ބޯހިޔާވަހިކަމެއް އެހެން ރަށެއްގައި ހުރިތޯ ބަލަންޖެހޭނެ ކަމަށާއި، ފްލެޓް ގެއްލޭ ހާލަތުގައި ކުރީގެ ރަށަށް ރަޖިސްޓްރީ ބަދަލުކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށްވެސް ބައެއް މެންބަރުން ލަފާދެއްވިއެވެ.
ދިގު ބަހުސްތަކަކަށްފަހު، މި ހުށަހެޅުން ފާސްކުރަން ކައުންސިލުން ނިންމި ނަމަވެސް، އެމްޑީޕީގެ ދެ މެންބަރުން ކަމަށްވާ އިސްމާއިލް ހަލީމާއި މުހައްމަދު ރިލްވާންގެ އިތުރުން ޕީއެންސީގެ މެންބަރު އިބްރާހިމް ސަމާހު ވަނީ މި ނިންމުމާ ދެކޮޅަށް ވޯޓު ދެއްވާފައެވެ.



