ދިވެހި ވަތަނީ ޚިދުމަތުގެ ތަމްރީނު ޕްރޮގްރާމުގެ ދެވަނަ ބެޗުގެ 77 ޒުވާނުން، ފަންނީ ތަމްރީނުތައް ފުރިހަމަކުރުމަށްޓަކައި މިއަދު ސިފައިންގެ ތަމްރީނު މަރުކަޒަށް ފުރާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.
ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ޒުވާނުން ތަމްރީނު ހޯދުމަށް ފުރާފައިވަނީ ބ. ކިހާދޫގައި ހުންނަ އެމް.އެން.ޑީ.އެފްގެ "ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް" އަށެވެ. މި ތަމްރީނުތަކުގައި ބައިވެރިވާ 16 އަހަރާއި 19 އަހަރާ ދެމެދުގެ މި ޒުވާނުންނަކީ ރާއްޖޭގެ 17 އަތޮޅެއްގެ 50 ރަށަކަށް ނިސްބަތްވާ ކުދިންކަން ރައީސް ފާހަގަކުރެއްވިއެވެ.
މި ޕްރޮގްރާމުގެ ދަށުން ޒުވާނުންނަށް ތަފާތު 6 ފަންނީ ދާއިރާއަކުން ތަމްރީނުވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިއީ ދިވެހި ވަތަނީ ޚިދުމަތުގެ އިނީޝިއަލް ޓްރެއިނިންގ ފުރިހަމަކުރާ ދަރިވަރުންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މި ޕްރޮގްރާމުގެ ފުރަތަމަ ބެޗުގެ 63 ޒުވާނުން ވަނީ މިދިޔަ މަހު ތަމްރީނުތައް ނިންމައި ދަސްވެނިވެފައެވެ.




