މ. އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް މި މަހުގެ ފަހުކޮޅު ފެށުމަށް ހަމަޖެހިއްޖެއެވެ.
މި ޚިދުމަތް ފޯރުކޮށްދޭ އެމްޓީސީސީން މިހާރު އަންނަނީ ދަތުރުތައް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. މީގެ ތެރެއިން، އާރްޓީއެލް ފެރީގެ ނިޒާމަށް އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން މ. އަތޮޅުގެ އެކި ރަށްތަކަށް ޒިޔާރަތްކޮށް، ޚިދުމަތާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަންތައް މިހާރު ދަނީ ކުރިއަށް ގެންދަމުންނެވެ.
އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، މ. އަތޮޅުގައި މި ޚިދުމަތް ރަސްމީކޮށް ފެށުމަށް ތާވަލުކޮށްފައިވަނީ މި ހިނގާ މަހުގެ ފަހު ހަފުތާގައެވެ. ސަރުކާރުން އެންމެ ފަހުން އާރްޓީއެލްގެ ޚިދުމަތް ތަޢާރަފުކޮށްފައިވަނީ ލ. އަތޮޅުގައެވެ. އޭގެ ކުރިންވެސް ރާއްޖޭގެ ގިނަ އަތޮޅުތަކެއްގައި މި ޚިދުމަތް ވަނީ ކާމިޔާބީއާއެކު ފަށާފައެވެ.
މ. އަތޮޅުގެ އިތުރުން ދެން މި ޚިދުމަތް ފެށުމަށް ބާކީ އޮތީ ޒޯން 3 ގައި ހިމެނޭ ކ، އއ، އދ އަދި ވ. އަތޮޅެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން މުޅި ރާއްޖެ އެއް ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުމެވެ.



