ކުވައިތުގެ ބައިނަލްއަޤުވާމީ ވައިގެ ބަނދަރަށް އީރާނުން ދިން ޑްރޯން ހަމަލާއެއްގައި އެއަރޕޯޓުގެ ބައެއް މުވައްޒަފުން ޒަޚަމްވުމާ ގުޅިގެން، އެ ގައުމުގެ ހުރިހާ ފްލައިޓްތަކެއް ވަގުތީގޮތުން މެދުކަނޑާލައިފި ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެފިއެވެ.
ކުވައިތުގެ ސިވިލް އޭވިއޭޝަނުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، މި ހަމަލާ އަމާޒުވެފައިވަނީ އެއާޕޯޓަށެވެ. މީގެ ސަބަބުން އެތަނުގެ އުމްރާނީ ބައެއް ތަންތަނަށް ގެއްލުން ލިބި، ބައެއް މުވައްޒަފުންނަށް ކުދި އަނިޔާތައް ލިބިފައިވެއެވެ.
ހާދިސާއާ ގުޅިގެން އިމަޖެންސީ ޓީމުތަކުން ވަގުުން ހަރަކާތްތެރިވާން ފަށާފައިވާއިރު، ސަލާމަތީ ކަންކަން ކަށަވަރުކުރުމަށްޓަކައި އެއަރޕޯޓުގެ އޮޕަރޭޝަންތައް މިހާރު ވަނީ ހުއްޓާލާފައެވެ.
މި ހަމަލާއަކީ އެމެރިކާއާއި އިސްރާއީލާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރެއިން، އީރާނުން ބަދަލުހިފުމުގެ ގޮތުން ގަލްފް ސަރަހައްދުގެ އަމާޒުތަކަށް ދެމުންދާ ހަމަލާތަކުގެ ބައެއް ކަމަށް ބެލެވެއެވެ.
ކުވައިތު ސަރުކާރުން ވަނީ މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށް، މިއީ "ނުރައްކާތެރި ކުރިމަތިލުމެއް" ކަމަށް ސިފަކޮށްފައެވެ. އަދި މި ހާދިސާއާ ގުޅިގެން އެ ގައުމުގެ ވައިގެ ދިފާއީ ނިޒާމުތައް ވަނީ ތައްޔާރީ ހާލަތަކަށް ގެނެސްފައެވެ.
މި ހާދިސާގެ ސަބަބުން އެތައް ސަތޭކަ ފަސިންޖަރުންނަކަށް ދަތުރުފަތުރުގެ ދަތިތަކާ ކުރިމަތިވެފައިވާއިރު، ގިނަ އެއަރލައިންތަކަކުން ދަނީ އެ ސަރަހައްދުގެ ވައިގެ މަގު ދޫކޮށް އެހެން މަގުތަކުން ދަތުރުކުރަމުންނެވެ. ގަލްފް ސަރަހައްދުގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގައި މިހާރު ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.
ކުވައިތުގެ އޮފިޝަލުން ބުނާ ގޮތުގައި އެއާޕޯޓަށް ލިބުނު ގެއްލުންތައް މަރާމާތުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދެއެވެ. ނަމަވެސް، އަލުން ދަތުރުތައް ފަށާނެ ވަކި ތާރީޚެއް އަދި އިއުލާނެއް ނުކުރެއެވެ.
އެމެރިކާއާއި މެދުވެރިން ދަނީ މި ހާލަތު ވަރަށް ގާތުން ބަލަމުންނެވެ. މިއީ ސަރަހައްދީ ސުލްހައިގެ މަސައްކަތްތަކަށް ކުރިމަތިވި އިތުރު ގޮންޖެހުމެއް ކަމަށް މުހައްލިލުން ފާހަގަކުރެއެވެ.




