އދ ގެ އާންމު މަޖިލީހުގެ އިގްތިސޯދީ އަދި މާލީ ކޮމިޓީގެ މުގައްރިރުގެ ނައިބުގެ މަގާމަށް ދިވެހިރާއްޖެ އިންތިޚާބުވެއްޖެއެވެ.
އދ. ގެ މައި މަރުކަޒުގައި އިއްޔެ ބޭއްވުނު އިންތިޚާބުގައި، އާންމު މަޖިލީހުގެ އިއްތިފާގުން ދިވެހިރާއްޖެ މި މަގާމަށް ވަނީ އިންތިޚާބުކޮށްފައެވެ.
ފޮރިން މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި، އދ. ގެ އާންމު މަޖިލީހުގެ އިގްތިސޯދީ އަދި މާލީ ކޮމިޓީގެ ނައިބު މުގައްރިރުގެ ހައިސިއްޔަތުން ރާއްޖެ ތަމްސީލުކުރައްވާނީ، އދ. އަށް ކަނޑައަޅާފައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގެ ސެކަންޑް ސެކްރެޓަރީ އަލްފާޟިލް ޙުސައިން އަޛްހާން މުޙައްމަދު ޙުސައިންނެވެ.
އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ މަސައްކަތްތައް ފުރިހަމައަށް ކުރިއަށް ގެންދިއުމަށްޓަކައި، ކޮމިޓީގެ މުގައްރިރާއި ބިއުރޯގެ އެހެނިހެން މެންބަރުންނާ ގުޅިގެން ރާއްޖެއިން އިސް ދައުރެއް އަދާކުރާނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ. މި ސެޝަން ކުރިއަށްދާނީ މިއަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ.
މި އިންތިޚާބަކީ ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއިން ގެންގުޅޭ ހަރުދަނާ ސިޔާސަތުތަކަށް ބައިނަލްއަގްވާމީ މުޖުތަމައުން ކުރާ އިތުބާރު ރަމްޒުކޮށްދޭ ކަމެއް ކަމަށް މިނިސްޓްރީން ފާހަގަކުރިއެވެ. އަދި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމާއި، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ މަސްލަހަތު ހިމާޔަތްކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ލިބުނު މުހިންމު ކާމިޔާބީއެއްގެ ގޮތުގައި މި އިންތިޚާބު ބެލެވެއެވެ.
އިގްތިސޯދީ އަދި މާލީ ކޮމިޓީ ނުވަތަ "ސެކަންޑް ކޮމިޓީ" އަކީ އދ. ގެ އާންމު މަޖިލީހުގައި ހިމެނޭ މައިގަނޑު ހަ ކޮމިޓީގެ ތެރެއިން އެއް ކޮމިޓީއެވެ.




