މާލެ އާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ބޮޑު މަޝްރޫއުގެ އަމަލީ މަސައްކަތަށް ބޭނުންވާ ތަފްސީލީ ކުރެހުންތައް ތައްޔާރުކުރުމަށްޓަކައި ކުރަންޖެހޭ ސާވޭތަކާއި ދިރާސާތައް ފަށައިފިއެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާއިން ހާމަކުރި ގޮތުގައި، މި މަޝްރޫއުގެ ފަންނީ ދިރާސާތަކާއި ސާވޭގެ މަސައްކަތްތައް މިއަދު ވަނީ ރަސްމީކޮށް ފަށާފައެވެ.
ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން، ކަނޑައެޅިފައިވާ ސަރަހައްދުތައް ސާވޭކުރުމާއި، ކަމާގުޅުންހުރި އިދާރާތަކާއެކު ބާއްވާ މަޝްވަރާ ބައްދަލުވުންތައް އަންނަ ޖުލައި މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.
މާލެ އާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މި މުހިންމު މަޝްރޫއަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ސަރުކާރުން ދިވެހިރާއްޖެއަށް ދިނުމަށް ނިންމި އެހީއެކެވެ.
މި މަޝްރޫއު ނިމުމުން މާލެ ސަރަހައްދުގެ މަގުތަކުގެ ފެންވަރު ރަނގަޅުވެ، ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.




