ށ. މިލަންދޫގައި ފައިބަރުގެ މަސައްކަތްކުރާ ތަނެއްގައި ރޭ ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއްވި ގޮތުގައި، މިލަންދޫގައި ފައިބަރު މަސައްކަތްކުރާ ތަނެއްގައި އަލިފާން ރޯވެގެން އުޅޭކަމުގެ ރިޕޯޓު ލިބިފައިވަނީ ރޭ 23:09 ހާއިރުއެވެ. މި ހާދިސާގެ މައުލޫމާތު ލިބުމާއެކު، ފުލުހުންނާއި ރަށުގެ އާންމު ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ ރޭ ދަންވަރު 01:00 އެހައިކަންހާއިރުއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، އެ ތަނަށް ވަނީ ބޮޑެތި މާލީ ގެއްލުންތަކެއް ވެފައެވެ. އެގޮތުން ތިން ޑިންގީއަކާއި، ޑިންގީ ބަނުމަށް ބޭނުންކުރާ ތައްގަނޑުތަކުގެ އިތުރުން، ފައިބަރު މަސައްކަތަށް ބޭނުންކުރާ ގިނަ އަދަދެއްގެ ސާމާނާއި އެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.




