ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކުން އަމިއްލަ އިސްނެގުމުގައި ހާމަކުރަންޖެހޭ މަޢުލޫމާތުތައް މި ހަފުތާގެ ތެރޭގައި ޢާންމުކޮށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ވުޒާރާތަކުން ހާމަކުރަންޖެހޭ މަޢުލޫމާތުތައް ހިއްސާކުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާ ކަމަށެވެ. އެގޮތުން، ހުރިހާ ވުޒާރާތަކުން ކުރަމުންދާ މަސައްކަތްތަކުގެ ތަފުސީލުތައް އެ އިދާރާތަކުގެ ރަސްމީ ވެބްސައިޓުތަކުގައި ޝާއިޢުކުރުމުގެ މަސައްކަތް މިހާރު ނިމުމަކާ ގާތްވެފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ކުރިއަށްގެންދާ ދިރާސާތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މިހާތަނަށް ހަތަރު ވުޒާރާއަކުން 100 އިންސައްތަ މަޢުލޫމާތު ހާމަކޮށްފައިވާ ކަމަށް އެ ކޮމިޝަނުން ކަށަވަރުކޮށްދީފައިވާ ކަމަށެވެ.
"އިންފޮމޭޝަން ކޮމިޝަނުން ކުރައްވާ ދިރާސާތަކުގެ އަޕްޑޭޓްތައް އަޅުގަނޑުމެންނަށް ލިބެމުންދޭ. އެގޮތުން ހަތަރު މިނިސްޓްރީއަކުން މިހާރުވެސް މަޢުލޫމާތު ހާމަކުރުމުގެ މަސައްކަތް ފުރިހަމަކޮށްފައިވާ ކަމަށް އެ ކޮމިޝަނުން ވަނީ އަންގަވާފައި. ބާކީ ހުރި މިނިސްޓްރީތަކުގެ މަސައްކަތްތައްވެސް ވަނީ ނިމުމަކާ ގާތްވެފައި. އަޅުގަނޑުމެންގެ އަމާޒަކީ މި ހަފުތާ ނިމުމުގެ ކުރިން ހުރިހާ ވުޒާރާތަކަކުންވެސް މަޢުލޫމާތު ހާމަކުރުމުގެ ލަނޑުދަނޑި 100 އިންސައްތައަށް ހާސިލުކުރުން. އިރާދަކުރެއްވިއްޔާ އެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާނެ،" ރައީސް ވިދާޅުވިއެވެ.




