މާލެ ކައިރީގައި ދަތުރުކުރަމުންދިޔަ ލޯންޗެއް އެކްސިޑެންޓްވެ، އޭގައި ތިބި ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ "ޓުއަރ ގާރޑް" ނަމަކަށް ކިޔާ ލޯންޗެއްގައެވެ.
އެމްއެންޑީއެފުން މަޢުލޫމާތު ދެއްވި ގޮތުގައި، ވިލިމާލެއިން ފުރައިގެން ގިލިލަންކަންފުއްޓަށް ދަތުރުކުރި މި ލޯންޗު އެކްސިޑެންޓްވި ކަމުގެ ރިޕޯޓު ލިބިފައިވަނީ ވިލިމާލެއާ ދުރުނޫން ހިސާބެއްގައި އޮއްވައެވެ.
ހާދިސާގެ ރިޕޯޓު ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ވަނީ އެ ސަރަޙައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފައެވެ. މި ހާދިސާގައި ލޯންޗުގައި ތިބި ދެ ފަޅުވެރިންނަށް އެކިވަރުގެ ބޮޑެތި އަނިޔާތަކެއް ލިބިފައިވާއިރު، ކޯސްޓްގާޑުގެ އެހީތެރިކަމާއެކު އެ ދެ މީހުން މިހާރު ވަނީ ފަރުވާއަށް މާލެ ގެނެސް، އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައެވެ.
އެމްއެންޑީއެފުން ވަނީ ހާދިސާ ހިނގި ލޯންޗަށް ލިބިފައިވާ ގެއްލުންތައް ފެންނަ ފޮޓޯތަކެއް އާންމުކޮށްފައެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި ލޯންޗުގެ ކުރީކޮޅު ވަނީ ވަރަށް ބޮޑަށް ހަލާކުވެ، ފުނޑުފުނޑުވެފައެވެ.
މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސީދާ ސަބަބެއް އެމްއެންޑީއެފުން ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ދެ ލޯންޗެއް ޖެހިގެންނެވެ. އަދި "ޓުއަރ ގާރޑް" ލޯންޗުގައި ޖެހުނު އަނެއް ލޯންޗު މަޑުނުކޮށް ފިލާފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.



