ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ މުއްދަތަށް އަމާޒުކޮށް، ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރާ މިންވަރު މަދުކުރުމަށްޓަކައި ހާއްސަ ގައުމީ ކެމްޕޭނެއް މިއަދު ރަސްމީކޮށް އިފުތިތާހުކޮށްފިއެވެ.
މި ކެމްޕޭން އިފުތިތާހުކޮށްފައިވަނީ މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ހެލްތު މިނިސްޓަރު ގީލާ އަލީގެ އިތުރުން، ހޯމް މިނިސްޓަރު އަލީ އިހުސާނާއި، ސްޕޯޓްސް މިނިސްޓަރު ރާފިއު އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ބައިވެރިވެވަޑައިގެންނެވިއެވެ.
ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވީ، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަކީ ކުރު މުއްދަތެއްގެ ތެރޭގައި އެދެވޭ ނަތީޖާއެއް ހާސިލުކުރެވޭނެ ކަމަކަށް ނުވާތީ، މި ކެމްޕޭން ފަސް އަހަރުގެ މުއްދަތަކަށް ބަހާލައިގެން ކުރިއަށް ގެންދަން ނިންމެވީ ކަމަށެވެ.
އަދި މިފަދަ ގައުމީ މަސައްކަތެއް ކާމިޔާބުކުރުމުގައި ސަރުކާރާއި، މަދަނީ ޖަމިއްޔާތަކާއި، އާންމު ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން އިންތިހާއަށް މުހިންމުވާނެކަން އެކަމަނާ ފާހަގަކުރެއްވިއެވެ. ރާއްޖެއިން މީގެ ކުރިން ކުރިއަށް ގެންގޮސްފައިވާ މިފަދަ ބޮޑެތި ކަންކަމުގައި ދިވެހި ރައްޔިތުން ދައްކުވައިދީފައިވާ ސާބިތުކަމާއި އެއްބާރުލުން މި ކެމްޕޭނުގައިވެސް ފެންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، މި ފަދަ ބޮޑު ގައުމީ ހަރަކާތެއްގެ ހަގީގީ ނަތީޖާ ފެންނާނީ އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުގެ ހީވާގީ ބައިވެރިވުމާއެކު ކަމަށްވެސް މިނިސްޓަރު ގީލާ ވިދާޅުވިއެވެ.
މި ކެމްޕޭންގެ ތެރެއިން ދުންފަތާ ދުރުވުމާ ގުޅޭގޮތުން އެކި ދާއިރާތަކުން ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތްތައް ހިންގުމުގެ އިތުރުން، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ތަފާތު އިނާޔަތްތަކާއި ލުއިފަސޭހަތައް ފޯރުކޮށްދިނުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ.



