ސިނގިރޭޓުން ނަގާ ޑިއުޓީ ކުޑަކުރުމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރުމަށްފަހު، ގާނޫނަށް އިސްލާހު ހުށަހެޅުމަށް ސަރުކާރުން ނިންމައިފިއެވެ.
ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅުވައިގެން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އިހުސާން ވިދާޅުވީ، ރާއްޖޭގައި ވޭޕް މަނާކުރުމާ ގުޅިގެން، ވޭޕް ބޭނުންކުރާ މީހުން ސިނގިރޭޓަށް ބަދަލުވެދާނެ ކަމަށް ބަލައި 2024 ވަނަ އަހަރު ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރި ކަމަށެވެ.
ދުންފަތުގެ އިމްޕޯޓް ޑިއުޓީއަށް އެންމެ ފަހުން ބަދަލު ގެނައީ ނޮވެމްބަރު 2024 ގައެވެ. އެ ފަހަރު ގެނައި ބަދަލާއެކު ސިނގިރޭޓަކުން ނަގާ ޑިއުޓީ ވަނީ 3.30 ރުފިޔާއިން 8.00 ރުފިޔާއަށް ބޮޑުކޮށްފައެވެ.
މިނިސްޓަރު އިހުސާން އިތުރަށް ވިދާޅުވީ، މިކަމާ ގުޅުންހުރި އިދާރާތަކާއި ހުރިހާ ފަރާތްތަކާ މަޝްވަރާކުރުމަށްފަހު، ސިނގިރޭޓު ޑިއުޓީ 4.00 ރުފިޔާއަށް ކުޑަކުރުމަށް އެއްބަސްވެވޭނަމަ، އެ ރެކޮމެންޑޭޝަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ.
މި ބަދަލުތައް ގެނައުމުގައި މާކެޓް ޑިމާންޑަށް އަންނަ ބަދަލުތަކާއި، މިފަދަ ނިންމުންތަކުން ކުރާނެ އަސަރުތަކަށް ބަލައި، ފަންނީ މާހިރުންގެ ލަފާ ހޯއްދަވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ވަކިން ހާއްސަކޮށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ފަދަ ބައިނަލްއަގުވާމީ އިދާރާތަކުގެ އިރުޝާދުތަކަށް ރިއާޔަތްކުރައްވާނެކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
ސަރުކާރުން ވަނީ ދުންފަތް ކޮންޓްރޯލް ކުރުމުގެ ގޮތުން ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. އެގޮތުން 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެންނެވެ.



