އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ބޯކޮށް ވާރޭވެހި، ގަދަވަޔާއެކު ކުރިމަތިވި މޫސުމީ ހާދިސާތަކުގައި ހިތަދޫގެ ދެ ގެއެއްގެ ފުރާޅު އެއްލާލައިފިއެވެ.
އެމްއެންޑީއެފުން ހާމަކޮށްފައިވާ ގޮތުގައި، ގަދަވަޔާއެކު ފުރާޅު އެއްލާލާފައިވަނީ ހިތަދޫ "ހުޅުދުއާގެ" އާއި "އޯކަމްލިވާ" ގޭގެއެވެ. މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް އެ އިދާރާއިން މަޢުލޫމާތު ދެއެވެ. ނަމަވެސް، މި ހާދިސާގައި ލިބުނު ގެއްލުންތަކުގެ އިތުރު ތަފުސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭވެހުނު ކަމަށް ރެކޯޑު ކުރެވިފައިވަނީ އައްޑޫ ސިޓީ ގަމަށެވެ. އެގޮތުން ގަމަށް 106.7 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ހިތަދުއަށް ވަނީ 64.9 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. މީގެ އިތުރުން، ގދ. މަޑަވެއްޔަށް ކުރި ބޯ ވިއްސާރައިގައި ރަށުގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، އެމްއެންޑީއެފުން ވަނީ ފެން ހިންދުމުގެ މަސައްކަތް ކޮށްފައެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކުރާ ގޮތުގައި، ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެއެވެ. އަދި އުތުރާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ގުގުރުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.



