ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސަކު އިންތިޚާބު ކުރުމަށްޓަކައި ބޭއްވުމަށް ހަމަޖެހިފައިވާ ޚާއްޞަ ޖަލްސާ މާދަމާއަށް ފަސްކޮށްފިއެވެ.
މަޖިލީހުގެ ނައިބު ރައީސްކަމުގެ މަޤާމުން އަޙްމަދު ނާޒިމް އިސްތިއުފާ ދެއްވިކަން މިއަދުގެ ޖަލްސާގައި ރިޔާސަތުން އިޢުލާން ކުރެއްވުމަށްފަހު، މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ކުރިން ނިންމަވާފައި އޮތީ މިއަދު މެންދުރު 13:00 ގައި އާ ނައިބު ރައީސަކު ހޮވުމުގެ ޖަލްސާ ބޭއްވުމަށެވެ. ނަމަވެސް، މަޖިލީހުގެ އިދާރާއިން ފަހުން ހާމަކުރެއްވި ގޮތުގައި އެ ޖަލްސާ ދެން ބާއްވާނީ މާދަމާ އެވެ.
ނާޒިމް މަޤާމުން އިސްތިއުފާ ދެއްވާފައިވަނީ، އޭނާ މަޤާމުން ވަކިކުރުމުގެ މައްސަލަ މިއަދު ހެނދުނު 9:00 އަށް ތާވަލުކޮށްފައި އޮއްވައި، ޖަލްސާ ފެށުމުގެ ކުޑަވަގުތުކޮޅެއް ކުރިންނެވެ.
ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ނާޒިމް ވަކިކުރުމަށް ހުށަހެޅި ޤަރާރުގައި ބަޔާންކޮށްފައިވަނީ، އޭނާ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި، ފިތުނަ އުފެއްދުމުގެ އިތުރުން މަޖިލީހުގެ މަސްލަހަތު ގެއްލޭ ފަދަ ޢަމަލުތަކެއް ހިންގާފައިވާ ކަމަށެވެ.



