ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަޤާމުން އަޙްމަދު ނާޡިމް އިސްތިއުފާ ދެއްވައިފިއެވެ. ނާޡިމް މި މަޤާމުން އިސްތިއުފާ ދެއްވާފައިވަނީ، އޭނާ މަޤާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ ތަޅުމުގައި ކުރިއަށް ގެންދިއުމަށް ތައްޔާރުވެފައި ވަނިކޮށެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ ނާޡިމް އިސްތިއުފާ ދެއްވިކަން ރަސްމީކޮށް އިޢުލާން ކުރައްވާފައެވެ. މީގެ އިތުރުން، ހުސްވެފައިވާ ނައިބު ރައީސްގެ މަޤާމަށް އައު ބޭފުޅަކު އިންތިޚާބު ކުރުމަށްޓަކައި މިއަދު މެންދުރު 13:00 ގައި ޚާއްޞަ ޖަލްސާއެއް ބާއްވާނެކަންވެސް މަޖިލީހުގެ ރައީސް ވަނީ ހާމަކުރައްވާފައެވެ.
ނާޡިމް މަޤާމުން ވަކިކުރުމުގެ ޤަރާރު މަޖިލީހަށް ހުށަހަޅާފައިވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ. މަޖިލީހުގެ އިދާރާއިން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ ޤާނޫނުއަސާސީއާއި މަޖިލީހުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
އިސްތިއުފާ ދެއްވުމާ ގުޅިގެން ނެރުއްވި ބަޔާނުގައި ނާޡިމް ވަނީ، އޭނާ މަޤާމުން ވަކިކުރުމަށްޓަކައި ހުށަހަޅާފައިވާ ތުހުމަތުތަކަށް އިންކާރު ކުރައްވާފައެވެ.



