މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ ކޮމަންވެލްތާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ދެ ފަރާތުން އިސްކަންދޭ މުހިންމު ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފައެވެ. މިއީ ރާއްޖޭގެ ބައިނަލްއަޤުވާމީ ގުޅުންތައް ދެމެހެއްޓުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ބޭއްވުނު މުހިންމު ބައްދަލުވުމެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމާ ގުޅޭގޮތުން ސެކްރެޓަރީ ޖެނެރަލް ޝާލީ ބޮޗްވޭ ސޯޝަލް މީޑިއާގައި ވިދާޅުވީ، ކޮމަންވެލްތުގެ އާއިލާގެ ތެރޭގައި ހިމެނޭ ކުދި ޖަޒީރާ ޤައުމުތަކުގެ ޙައްޤުތަކާއި މަޞްލަޙަތުތައް ރައްކާތެރިކުރުމުގައި ރާއްޖެއިން އަދާކުރާ އިސް ދައުރު ބަލައިގަންނަ ކަމަށެވެ. އަދި ވަޒީރު އިރުތިޝާމް އާދަމަށް މާލްބަރާ ހައުސްއިން މަރުޙަބާ ދެންނެވުމަކީ ލިބުނު ބޮޑު އުފަލެއް ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.
މި ބައްދަލުވުމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ކޮމަންވެލްތާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އައު ހަރުފަތަކަށް އުފުލި، ތަފާތު އެކި ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމުގެ ފުރުޞަތުތައް ފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.



