ވ. އަތޮޅު އަލިމަތާ ކޭވްގައި ޑައިވް ކުރަން އުޅުމުގެ ތެރޭގައި ހިނގި ހިތާމަވެރި ހާދިސާގައި ފުރާނަ ގެއްލުނު އިޓަލީގެ ޕްރޮފެސަރާއި އޭނާގެ ދަރިފުޅުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު، ތަހުލީލުގެ ވަގުތީ ނަތީޖާ މިހާރު ވަނީ ލިބިފައެވެ.
އިޓަލީގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ދެމައިން މަރުވާން މެދުވެރިވި ސަބަބެއް ކަމަށް ވަގުތީ ނަތީޖާއިން ދައްކަނީ ގެނބިގެން ނުވަތަ ހަށިގަނޑަށް ބޭނުންވާ މިންވަރަށް އޮކްސިޖަން ނުލިބުމެވެ.
މި ހާދިސާގައި މަރުވި ޖެނޯއާ ޔުނިވާސިޓީގެ މެރިން ބަޔޮލޮޖީ ޕްރޮފެސަރު، އުމުރުން 51 އަހަރުގެ މޮނިކާ މޮންޓެފަލްކޯން އާއި އޭނާގެ 23 އަހަރުގެ ދަރިފުޅު ޖިއޯޖިއާ ސޮމަކާލްގެ ހަށިގަނޑު، އެ މީހުންގެ އުފަން ރަށް ކަމަށްވާ ޖެނޯއާއަށް މިއަދު ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އިޓަލީގެ ގަލަރާޓޭ ހޮސްޕިޓަލުގައި ކުރިއަށްގެންދިޔަ ޕޯސްޓްމޯޓަމް ތަހުލީލުތަކަށްފަހު، ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިއުމުގެ ގާނޫނީ ހުއްދަ މިހާރު ވަނީ ލިބިފައެވެ.
މި ހާދިސާގައި އިޓަލީގެ ފަސް މީހެއްގެ އިތުރުން، ދިވެހި ސިފައިންގެ ޑައިވަރަކު ވެސް ވަނީ މަރުވެފައެވެ. ސިފައިންގެ ޑައިވަރު، ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީ ނިޔާވީ ހާދިސާ ހިނގި ސަރަހައްދުގައި ކުރިއަށްދިޔަ ރިކަވަރީ އޮޕަރޭޝަންގެ ތެރޭގައި ޑައިވް ކުރަނިކޮށެވެ.
މި ހާދިސާގައި މަރުވި އިޓަލީގެ އަނެއް ތިން މީހުންނަކީ ރިސާޗަރެއް ކަމަށްވާ 31 އަހަރުގެ މުރިއެލް އޮޑެނީނޯއާއި، 30 އަހަރުގެ ފެޑެރިކޯ ގުއަލްޓިއޭރީގެ އިތުރުން 44 އަހަރުގެ ޑައިވިން އިންސްޓްރަކްޓަރު ޖިއަންލޫކާ ބެނެޑެޓީއެވެ.
މި މައްސަލައާ ގުޅިގެން، އިހުމާލުން މީހަކު މަރުވުމުގެ ކުށުގެ ދަށުން ރޯމްގެ ޕްރޮސެކިއުޓަރުގެ އޮފީހުން މިހާރު ވަނީ ޖިނާއީ ތަހުގީގެއް ފަށާފައެވެ.



