ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޡިމް އެ މަޤާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ޤަރާރުގެ މައްސަލަ، މި އަހަރުގެ ފުރަތަމަ ދައުރުގެ 20 ވަނަ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ. އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ޖަލްސާއަށް މި މައްސަލަ ތާވަލުކޮށްފައިވަނީ، ޤާނޫނުއަސާސީއާއި މަޖިލީހުގެ ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
މަޖިލީހުގެ އާންމު ކޮމިޓީން ވަނީ މި މައްސަލައިގެ ބަހުސް ކުރިއަށްގެންދާނެ އުސޫލުތައް ކަނޑައަޅާފައެވެ. އެގޮތުން، ބަހުސްގެ މަރުޙަލާގައި އަމިއްލަ ދިފާޢުގައި ވާހަކަ ދެއްކެވުމަށް ނައިބު ރައީސް އަޙްމަދު ނާޡިމަށް 10 މިނެޓުގެ ވަގުތެއް ދިނުމަށް ވަނީ ނިންމާފައެވެ. މި ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ ބަހުސް ފެށުމުގެ ކުރިންނެވެ.
ޖުމްލަ އެއް ގަޑިއިރަށް ކުރިއަށްދާ މި ބަހުސްގައި، ސިޔާސީ ޕާޓީތަކުގެ މެންބަރުންނަށް ވަގުތު ބަހާލާއިރު، ކޮންމެ މެންބަރަކަށް ވާހަކަ ދެއްކުމަށް ލިބޭނީ 3 މިނެޓުގެ އެއް ފުރުސަތެވެ. މަޖިލީހުގެ ނައިބު ރައީސް ވަކިކުރުމުގެ މި ޤަރާރު މަޖިލީހަށް ހުށަހަޅާފައިވަނީ މި ހިނގާ މަހުގެ 14 ވަނަ ދުވަހުއެވެ.
މަޖިލީހުގެ ހިންގާ ޤަވާއިދުގައިވާ ގޮތުގެ މަތިން، މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރެއް ހުށަހެޅިފައިވާނަމަ، އެ މައްސަލައާމެދު ގޮތެއް ނިންމުމުގެ ކުރިން މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެއެވެ. އަދި މިފަދަ ބަހުސެއް ކުރިއަށްދާ ޖަލްސާއެއްގައި ބައިވެރިވެ، އަމިއްލަ ދިފާޢުގައި ވާހަކަ ދެއްކުމުގެ ފުރިހަމަ ޙައްޤު، ތުހުމަތު ރައްދުވާ ފަރާތަށް ލިބިގެންވެއެވެ.


