ލ. ގަމުގައި ރޭ ހިނގި ހިތާމަވެރި ހާދިސާއެއްގައި، ކަރަންޓުގައި ޖެހި ސީރިއަސް އަނިޔާތަކެއް ލިބުނު 14 އަހަރުގެ ފިރިހެން ކުއްޖަކަށް މާލެ ގެނެސް ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ގަމުގައި ކުއްޖަކު ކަރަންޓުގައި ޖެހުނުކަމުގެ ރިޕޯޓު ލިބިފައިވަނީ ރޭ 11:00 ހާއިރުއެވެ. މި ހާދިސާއާ ގުޅިގެން އެ ކުއްޖާއަށް ފުރަތަމަ ފަރުވާ ދީފައިވަނީ ގަން ރީޖަނަލް ހޮސްޕިޓަލުގައެވެ.
ނަމަވެސް، ކުއްޖާގެ ހާލަތު ސީރިއަސްވުމުގެ ސަބަބުން އިތުރު ފަރުވާއަށް މިއަދު ހެނދުނު ވަނީ މާލެއަށް ބަދަލުކޮށްފައެވެ.
އައިޖީއެމްއެޗުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އެ ކުއްޖާގެ ހާލަތު ނާޒުކުވުމުން މިހާރު ފަރުވާ ދެމުންދަނީ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ، އެ ރަށުގައި ކުރިއަށްދާ އީދު ކުޅިވަރުތަކަށް ކަރަންޓު ދިނުމަށްޓަކައި، މަގުމަތީގައި ހުރި ކަރަންޓު ފޮށްޓަކުން އެކްސްޓެންޝަން ބޯޑަކަށް ގުޅުމަށް މަސައްކަތް ކުރުމުގެ ތެރޭގައެވެ. ކަރަންޓުގައި ޖެހުމާއެކު އެ ކުއްޖާ ހޭނެތިގެން ވެއްޓިފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



