ކްރިމިނަލް ކޯޓުގެ އަމުރަކާ ޚިލާފުވި މައްސަލައިގައި ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ 'އަދަދު' ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހްޒާން، ހުކުމުގެ މުއްދަތު ހަމަވުމުން މިއަދު މިނިވަންވެއްޖެއެވެ.
ކޯޓުން ނެރުނު "ގެގް އޯޑަރާ" ޚިލާފުވި ކަމަށް ކަނޑައަޅައި، ޝަހްޒާންގެ މައްޗަށް ޖަލު ހުކުމް އިއްވީ މި މަހުގެ 12 ވަނަ ދުވަހުއެވެ. އެ ހުކުމް ތަންފީޒުކޮށް ނިމުމުން، އޭނާ މިއަދު ވަނީ ހުޅުމާލެ ޖަލުން ދޫކޮށްލާފައެވެ.
ހަމަ މި މައްސަލައިގައި ކޯޓު އަމުރާ ޚިލާފުވެގެން 'އަދަދު' ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރުގެ މައްޗަށް ވެސް 10 ދުވަހުގެ ޖަލު ހުކުމެއް އިއްވިއެވެ. އޭނާގެ ހުކުމުގެ މުއްދަތު ހަމަވުމާ ގުޅިގެން، މި މަހުގެ 22 ވަނަ ދުވަހު ވަނީ މިނިވަންކޮށްފައެވެ.
ޝަހްޒާނަށް މި ފިޔަވަޅު އެޅީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ކޯޓު އަމުރާ ގުޅުންހުރި މައުޟޫއަކަށް ސުވާލު ކުރުމާ ގުޅިގެންނެވެ. އެ ހާދިސާއަށްފަހު އޭނާ ނޫސްވެރިންގެ ބައްދަލުވުމުން ނެރެފައިވާއިރު، ރައީސް އޮފީހުން ބާއްވާ އެއްވެސް މީޑިއާ އިވެންޓެއްގައި 'އަދަދު' ނޫހަށް ބައިވެރިނުވެވޭ ގޮތަށް މިހާރު ވަނީ ފިޔަވަޅު އަޅާފައެވެ.
މީގެ އިތުރުން، މި މައްސަލައިގައި 'އަދަދު' ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި ނޫސްވެރިޔާ ހަސަން މުހައްމަދުގެ މައްޗަށް ވެސް ދައުވާ އުފުލާފައިވެއެވެ. އަދި ތަހުގީގުގެ ބޭނުމަށް މި ދެ ބޭފުޅުންގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓާފައެވެ.
"އަދަދު" ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީއަކާ ގުޅިގެން ކްރިމިނަލް ކޯޓުގެ ގާޒީ މުޒައްމިލް ނާސިރު ނެރުއްވި އަމުރުގައި ވަނީ، އެ ޑޮކިއުމެންޓްރީ އެއްވެސް ސިފައެއްގައި ފެތުރުމާއި، އޭގައި ހިމެނޭ މައުލޫމާތުތަކާ ގުޅޭގޮތުން ސީދާކޮށް ނުވަތަ ނުސީދާކޮށް ވާހަކަދެއްކުން މަނާކޮށްފައެވެ. މީގެ އިތުރުން މައްސަލައިގައި ހިމެނޭ ފަރާތްތަކާއި އަނިޔާ ލިބުނު މީހާގެ މައުލޫމާތު ހާމަކުރުން ވެސް އެ އަމުރުގެ ދަށުން ވަނީ މަނާކޮށްފައެވެ.




