އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްވެ ހުންނަވައި، "އެބްރަހަމް އެކޯޑްސް" ފުޅާކުރުމުގެ ތެރެއިން އިސްރާއީލާއެކު ގުޅުން ބަދަހިކުރުމަށް މުސްލިމް ގައުމުތަކަށް ކުރިމަތި ކުރައްވަމުންދާ ފިއްތުންތަކަށް ޕާކިސްތާނުން ފުރަގަސްދީފިއެވެ.
ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރު ޚަވާޖާ އާސިފް ވަނީ އިސްރާއީލާއެކު އެއްވެސް ފެންވަރެއްގައި ގުޅުން ގާއިމުކުރުމުގެ ފުރުސަތެއް ނެތްކަން ކަށަވަރުކޮށްދެއްވާފައެވެ.
ސަމާ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އާސިފް ވިދާޅުވީ، އިސްރާއީލު ބަލައިގަތުމަކީ ޕާކިސްތާނުގެ އުސޫލުތަކާއި، ގައުމީ މަސްލަހަތާއި، ރައްޔިތުންގެ ވިންދާ ސީދާ ޚިލާފު ކަމެއް ކަމަށެވެ.
"އަޅުގަނޑުމެން އިސްރާއީލެއް ބަލައެއް ނުގަންނަން،" ފަލަސްތީނުގެ މައްސަލައަށް އިންސާފުވެރި އަދި ދާއިމީ ހައްލެއް ނުލިބެނީސް އެ ނިންމުމަށް އެއްވެސް ބަދަލެއް ނާންނާނެ"ކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ޕާކިސްތާނުގެ ޕާސްޕޯޓަކީ އިސްރާއީލަށް ދަތުރުކުރުން މަނާކޮށްފައިވާ އެއްޗެއްކަން ވެސް އޭނާ ހަނދާންކޮށްދެއްވިއެވެ.
އިރާނާއެކު ކުރިއަށްދާ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކާ ގުޅުވައި، ސަރަހައްދީ އިގްތިސާދީ ވަރުގަދަކުރުމަށާއި އިރާން އެކަހެރިކުރުމުގެ ބޭނުމުގައި، ޕާކިސްތާނުގެ އިތުރުން ސައުދީ އަރަބިއްޔާ އާއި ގަތަރު ފަދަ ގައުމުތަކުން އިސްރާއީލާއެކު ގުޅުން ގާއިމުކުރުމަށް ޓްރަމްޕް ދަނީ ބާރުއަޅުއްވަމުންނެވެ.
ނަމަވެސް، ފަލަސްތީނުގެ ހައްގުގައި ޕާކިސްތާނުން ގެންގުޅޭ ހަރުދަނާ ސިޔާސަތާއި، އިސްލާމީ އުޚުވަތްތެރިކަމުގެ މައްޗަށް ބިނާވެފައިވާ ގުޅުންތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް މުހައްލިލުން ބުނެއެވެ.
ޕާކިސްތާނުގެ މި ނިންމުމަކީ އެމެރިކާގެ ނުފޫޒަށްވުރެ ގައުމީ އަދި ދީނީ އަސާސްތައް އިސްކުރާކަމުގެ ހެއްކެކެވެ. މިކަމުގެ ސަބަބުން، އިރާން ހަނގުރާމައަށްފަހު ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށް ޓްރަމްޕް ގެންގުޅުއްވާ ތަސައްވުރަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.




