މި ހިނގާ މަހުގެ ތެރޭގައި މާލެ ސަރަހައްދުން 6 މީހަކު ހިމަބިއްސަށް ޕޮޒިޓިވްވެފައިވާކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރައްވައިފިއެވެ.
ހިމަބިއްސަކީ ވަރަށް ހަލުވިކަމާއެކު ގައިންގަޔަށް އަރާ ބައްޔެކެވެ.
ސިއްހީ މާހިރުން ފާހަގަކުރައްވާ ގޮތުގައި، މިއީ ކޮވިޑް-19، އެބޯލާ، ޓީބީ އަދި ފުލޫ ފަދަ ބަލިތަކަށްވުރެވެސް ބާރަށް ފެތުރޭ ބައްޔެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް މި ދުވަސްވަރު ހިމަބިހީގެ ކޭސްތައް އިތުރުވަމުންދާކަން އެޗްޕީއޭއިން ފާހަގަކުރައްވައެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއިން ޖުމްލަ 9 ކޭސް ފެނިފައިވާއިރު، އޭގެ ތެރެއިން 6 ކޭސް ރިޕޯޓްކޮށްފައިވަނީ މި މަހުގެ ތެރޭގައި މާލެ ސަރަހައްދުންނެވެ. މި ކޭސްތަކާ ގުޅިގެން ކުރިއަށްދާ ތަހުގީގުތަކުން މިހާތަނަށް 128 ކޮންޓެކްޓުން ދެނެގަނެވިފައިވާ ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.
ބަލީގެ ނުރައްކާ ކުޑަކުރުމަށްޓަކައި، ހިމަބިއްސަށް ޝައްކު ކުރެވިގެން ޓެސްޓް ހަދާ ފަރާތްތަކުން ނަތީޖާ ލިބެންދެން އެކަހެރިވެ ތިއްބެވުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ. އަދި ހުން އައުމާއެކު ހަށިގަނޑުގައި ރަތް ބިހިތަކެއް ނަގާނަމަ، ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށާއި، ހޮސްޕިޓަލަށް ދާއިރު މާސްކު އެޅުމަށް ވަނީ އިރުޝާދު ދެއްވާފައެވެ.
މީގެ އިތުރުން، ބަލީގެ އެއްވެސް އަލާމާތެއް ފެންނަނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ.
މާލެ ސަރަހައްދުން މި ބަލި ފެނުމާ ގުޅިގެން، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އެޗްޕީއޭއިން ދަނީ ހަލުވިކަމާއެކު ކުރަމުންނެވެ. މިގޮތުން ބަލި ޖެހުނު ގޮތް ދެނެގަތުމަށް ކުރާ ތަހުގީގުތަކާއި، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް އަންނަނީ ކުރިއަށް ގެންދަމުންނެވެ.




