ހުޅުމާލޭގައި މީހަކު ރަހީނުކުރި މައްސަލައިގައި ހައްޔަރުކުރި ބައެއް މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
މިދިޔަ މާރިޗު މަހުގެ 25 ވަނަ ދުވަހު ހުޅުމާލޭގައި އިމާރާތްކުރަމުންދާ ތަނެއްގެ ތެރޭގައި ބަންގްލަދޭޝް މީހަކަށް އަނިޔާކޮށް، ރަހީނުކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅީ އެ މަހުގެ 27 ވަނަ ދުވަހުއެވެ. ފުލުހުން އެ މީހާ ހޯދުމަށް ކުރި މަސައްކަތުން، އޭނާ ފެނިފައިވަނީ ވިލިމާލޭންނެވެ.
މި ހާދިސާއާ ގުޅިގެން ހައްޔަރުކުރި މީހުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި، ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމާއި، ބިރުދެއްކުމާއި، ރަހީނުކުރުމުގެ އިތުރުން މާރާމާރީ ހިންގުން ހިމެނެއެވެ.
މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ބަންގްލަދޭޝަށް ނިސްބަތްވާ ފަސް މީހެކެވެ. އެއީ:
- ރަސަލް (20 އަހަރު)
- އެމްޑީ ހޮސައިން (30 އަހަރު)
- އެމްޑީ މެހެދި ހަސަން (34 އަހަރު)
- ސާފިފް ހަސަން (38 އަހަރު)
- އެމްޑީ ޝާ އަލަމް (39 އަހަރު)
މިދިޔަ އޭޕްރިލް މަހުގެ 10 ވަނަ ދުވަހު ބޭއްވި ބަންދުގެ މަޖިލީހުގައި އިންވެސްޓިގޭޓިވް އޮފިސަރު ފާހަގަކުރެއްވި ގޮތުގައި، އެމްޑީ ހޮސައިން ވަނީ ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން އަނިޔާ ލިބުނު މީހާއަށް ޖިސްމާނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އަދި މިއީ ގިނަ ބަޔަކު ގުޅިގެން ހިންގި ޖަރީމާއެއް ކަމަށާއި، މި ކަމުގައި އެންމެ އިސްކޮށް އުޅުނީ އެމްޑީ ހޮސައިން ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.
ކޯޓު އަމުރުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، އެމްޑީ ހޮސައިން ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް އިއުތިރާފުވެ، ހާދިސާ ހިނގި ގޮތުގެ ތަފުސީލު ހިއްސާކޮށްފައެވެ. އޭނާ ބުނި ގޮތުގައި މާރާމާރީ ހިންގަން މެދުވެރިވީ، އޭނާ ހަވާލުކުރި ޕާސްޕޯޓުތަކެއް އަނބުރާ ނުލިބުމާ ގުޅިގެން އުފެދުނު ހިތްހަމަނުޖެހުމެއްގެ ސަބަބުންނެވެ.




