މިއަހަރުގެ އަޟްޙާ ޢީދު ނަމާދާއި ޢީދު ކުޅިވަރުތަކާ ގުޅިގެން، މާލޭގެ ބައެއް ސަރަޙައްދުތަކުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ނިންމަވާފައެވެ.
އެގޮތުން، މާލޭގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މާފަންނު ސްޓޭޑިއަމް ވަށައިގެންވާ މަގުތައް، ޢީދު ނަމާދު ވަގުތަށް ބަންދުކުރާނެ ކަމަށް ފުލުހުން މަޢުލޫމާތު ދެއްވައެވެ. މިގޮތުން، ސްޓޭޑިއަމް ހިމެނޭ ސަރަޙައްދުގެ މާފަތްތަކުރުފާނު މަގާއި، އަމީނީ މަގު އަދި ހިލާލީ މަގު، ހެނދުނު 6:00 އިން ފެށިގެން ޢީދު ނަމާދު ނިމެންދެން އުޅަނދުތަކަށް ނުވަދެވޭ ގޮތަށް ބަންދުވާނެއެވެ. އެހެންކަމުން، ޢީދު ނަމާދަށް ވަޑައިގަންނަވާ ފަރާތްތަކުން ކަނޑައެޅިފައިވާ ޚާއްޞަ ގޭޓްތަކުން ޢީދު ނަމާދަށް ވަނުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.
ސްޓޭޑިއަމްގައި ބާއްވާ ބޮޑު ޖަމާޢަތަށް ވަޑައިގަންނަވާ ފިރިހެނުން ވަނުމަށް ހަމަޖެހިފައިވަނީ ހިލާލީ މަގު އެފް.އޭ.އެމް ހައުސްއާ ދިމާލުގައިވާ މައި ގޭޓުންނާއި، އިސްކަންދަރު ކޮށި 1 ކުރިމަތީގައިވާ ގޭޓުންނެވެ. އަންހެނުން ވަނުމަށް ހަމަޖެހިފައިވަނީ ކޯރުކެނޑި ހިނގުމުން އަމީނީ މަގަށް ނިކުމެވޭ ސަރަޙައްދާ ދިމާލުން ހުންނަ ގޭޓާއި، ސިންތެޓިކް ޓްރެކާ ދިމާލުން ކަނޑައެޅިފައިވާ ގޭޓުންނެވެ. މި ގޭޓަށް ސިންތެޓިކް ޓްރެކް ތެރެއިންނާއި، މާފަތްތަކުރުފާނު މަގުން އަދި ބޮޑުތަކުރުފާނު މަގުންވެސް ވަދެވޭނެއެވެ.
ސްޓޭޑިއަމްގެ އިތުރުން، އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތް ހިމެނޭ ސަރަޙައްދުތައް ބަންދުކުރުމަށް ހަމަޖެހިފައިވަނީ އާންމުކޮށް ހުކުރު ނަމާދު ވަގުތުތަކުގައިވެސް އެ ސަރަޙައްދުތައް ބަންދުކުރާ އުޞޫލުންނެވެ. އަދި މި ތިން ސަރަޙައްދުގައި ޕާކުކޮށްފައި ހުރި އުޅަނދުތައް ވީހާވެސް އަވަހަކަށް ނެގުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.



