އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފާއި، ޚާރިޖީ ވަޒީރު އައްބާސް އަރަޤްޗީގެ އިތުރުން މަރުކަޒީ ބޭންކުގެ ގަވަރުނަރު ޢަބްދުއްނާޞިރު ހިއްމަތީ ހިމެނިވަޑައިގަންނަވާ މަތީ ފަންތީގެ ވަފުދެއް ހޯމަ ދުވަހު ގަތަރުގެ ވެރިރަށް ދޯހާއަށް ވަޑައިގެންފިއެވެ.
މި ދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ އެމެރިކާއާއެކު ކުރިއަށްދާ މަޝްވަރާތަކުގައި އަދިވެސް ހައްލެއް ނުލިބި ހުރި އެންމެ ނާޒުކު ކަންކަމާ ގުޅޭގޮތުން ވާހަކަދެއްކުމެވެ.
ގަތަރު މެދުވެރިއަކަށްވެގެން ކުރިއަށްގެންދާ މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި ބަލަނީ ތިން މަސްދުވަހަށް ދެމިގެންދިޔަ ހަމަނުޖެހުންތައް ނިމުމަކަށް ގެނެސް، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށެވެ.
މި މަޝްވަރާތަކުގައި ހައްލެއް ނުލިބި ހުރި މައިގަނޑު ކަންކަމުގެ ތެރޭގައި، އީރާނުގެ ޔުރޭނިއަމް މުއްސަނދިކުރުމުގެ މަޝްރޫޢާއި، ހޯމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލާއި އެތަން އަލުން ހުޅުވާލުމުގެ އިތުރުން، ގަތަރުގައި ހިފަހައްޓާފައިވާ އީރާނުގެ 12 ބިލިއަން ޑޮލަރާ ގާތްކުރާ ފައިސާ ދޫކޮށްލުން ހިމެނެއެވެ.
އެމެރިކާއާއި އީރާނާ ދެމެދު އޮންނަ ގުޅުމުގެ ބޭނުން ހިފައިގެން، މި މައްސަލައިގައި ގަތަރުން ދަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ. އީރާނުގެ އޮފިޝަލުން ހާމަކުރެއްވި ގޮތުގައި މި މަޝްވަރާތަކަކީ އެއްބަސްވުމަކަށް އައުމަށްޓަކައި ހުރި އެންމެ އުނދަގޫ އަދި ނާޒުކު މައްސަލަތަކަށް ހައްލެއް ހޯދުމަށް ކުރެވޭ މަސައްކަތެކެވެ.
މިހާތަނަށް ހަނގުރާމަ ހުއްޓާލުމުގެ ނާޒުކު އެއްބަސްވުމަށް ދެފަރާތުންވެސް އަމަލުކުރަމުން ދިޔަ ނަމަވެސް، ދެ ފަރާތުގެ މެދުގައި ހުރި ޚިޔާލުތަފާތުވުންތައް ނައްތާލުމަށް އަދިވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ނަމަވެސް، މިކަމުގައި މިހާތަނަށް ބޮޑު ކުރިއެރުމެއް ނުވަތަ ކާމިޔާބީއެއް ލިބިފައިވާކަން އަދި އިޢުލާނެއް ނުކުރެއެވެ.



