އަޟްޙާ ޢީދުގެ ބަންދާ ގުޅިގެން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ފެސިލިޓީތަކަށް މަސްގަތުން މެދުކަނޑާލުމަށްފަހު، އަލުން މަސް ގަންނަން ފަށާނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މިފްކޯއިން ބުނެފައިވަނީ، ޢީދު ބަންދާ ގުޅިގެން މި ހަފުތާގެ އަންގާރަ، ބުދަ އަދި ބުރާސްފަތި ދުވަހު އެ ކުންފުނީގެ ސެންޓަރުތަކާއި ބޯޓުފަހަރަށް މަސް ބަލައިނުގަންނާނެ ކަމަށެވެ. މީގެ އިތުރުން، މި މުއްދަތުގައި އައިސް ޕްލާންޓުތަކުން އައިސް ދޫކުރުމުގެ ޚިދުމަތް ވެސް މެދުކަނޑާލެވޭނެއެވެ.
މިފްކޯއިން އިތުރަށް ބުނި ގޮތުގައި، ޢީދު ބަންދަށްފަހު އަންނަ ހުކުރު ދުވަހަކީ އާންމުކޮށްވެސް އެ ކުންފުނިން މަސް ގަންނަ ދުވަހަކަށް ނުވާތީ، ފެސިލިޓީތަކާއި އައިސް ޕްލާންޓުތަކުގެ ޚިދުމަތްތައް ރަސްމީކޮށް އަލުން ފަށާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ. މަސްވެރި އުޅަނދުފަހަރުން މަސް ގަތުމުގެ މަސައްކަތް ވެސް ހަމަ އެ ދުވަހު އަލުން ފެށިގެންދާނެއެވެ.
ޢާންމު އުޞޫލުން ހުކުރު ދުވަސްތަކާއި، މިފަދަ ބޮޑެތި ބަންދު ދުވަސްތަކުގައި މިފްކޯއިން މަސްގަތުން މެދުކަނޑާލައެވެ. މި ނިންމުމާ ގުޅޭ މަޢުލޫމާތު އެ ކުންފުންޏަށް މަސްކިރާ އޮޑިވެރިންނަށާއި، ކުންފުނީގެ ޚިދުމަތް ހޯދާ ފަރާތްތަކަށް މިހާރު ވަނީ ހިއްސާކޮށްފައެވެ.




