އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ގެނައި ބަދަލުތަކާ ގުޅިގެން ޝަކުވާ ހުށަހެޅުމަށް ދެ ދުވަހުގެ މުއްދަތެއް އެ ޕާޓީން ދީފިއެވެ.
އެމްޑީޕީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ ވޯޓާސް ލިސްޓަށް ކުރިން ހުށަހެޅުނު ޝަކުވާތަކާއި ރީ-ރަޖިސްޓްރޭޝަނާ ގުޅިގެން ގެނެވުނު ބަދަލުތަކަށް އެކަނި ކަމަށެވެ. އެގޮތުން، އަންނަ ބުދަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް ފޯމު މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.
އެމްޑީޕީން އިތުރަށް ބުނި ގޮތުގައި، މި މުއްދަތުގެ ތެރޭގައި އަލަށް ހުށަހަޅާ އެއްވެސް ޝަކުވާއެއް ބަލައެއް ނުގަންނާނެއެވެ.
ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމްގެ އިތުރުން އިބްރާހީމް މުހައްމަދު (ވާޑު) އެވެ.
މި އިންތިހާބުގައި އެންމެ ބޮޑު ވާދަވެރިކަމެއް ފެންނަނީ ރައީސް ނަޝީދާއި މީކާއީލްއާ ދެމެދުގައެވެ.
އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު ބާއްވާ މި އިންތިހާބުގެ ކެމްޕޭން ފޯރި މިހާރު ވަނީ ވަރަށް ގަދަވެފައެވެ. އެގޮތުން، ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ރައީސް ނަޝީދާއެކު މަސައްކަތް ކުރައްވާއިރު، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިސް ބޭފުޅުން ބޮޑަށް ފެންނަނީ މީކާއީލްގެ ކެމްޕޭން ހަރަކާތްތަކުންނެވެ.
ޗެއާޕާސަންގެ މަގާމަކީ ޕާޓީގެ އެތެރޭގެ ހިންގުމާއި އިންތިޒާމުތައް ރާވައި، ބަލަހައްޓާ އެންމެ އިސް މަގާމެވެ. ފަސް އަހަރުގެ ދައުރެއް އޮންނަ މި މަގާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި، ޕާޓީގެ ފަރާތުން ސަރުކާރާއި އެހެނިހެން ސިޔާސީ ފަރާތްތަކާ މުއާމަލާތް ކުރުމާއި، އެތެރޭގެ އިންތިހާބުތަކާއި ކޮންގްރެސްތައް އިންތިޒާމުކޮށް ހިންގުން ހިމެނެއެވެ.




