މިއަދުގެ މެންދުރުފަހުން ފެށިގެން ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ، މޫސުމާ ބެހޭ ގައުމީ އިދާރާއިން އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.
އެ އިދާރާއިން މިއަދު މެންދުރު 12:00 އިން ފެށިގެން ހަވީރު 18:00 އާ ހަމައަށް ވަނީ މޫސުމީ ސަމާލު ނެރެފައެވެ.
މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، މި މުއްދަތުގެ ތެރޭގައި ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ބެލެވެއެވެ.
ކުރިއަށް އޮތީ ޢީދު ބަންދުގެ ދުވަސްތައް ކަމަށްވުމާއެކު، ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި، ދަތުރުތައް ރޭވުމުގައި މޫސުމާ ބެހޭ އިދާރާއިން ނެރޭ އެންމެ ފަހުގެ މައުލޫމާތަށް ރިއާޔަތްކުރުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.



