މިއަދުން ފެށިގެން ރާއްޖޭގެ ސަރަހައްދުގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށާއި، ކުރިއަށް އޮތް ހައްޖު ދުވަހާއި އަޟްޙާ އީދު ބަންދާ ދިމާކޮށް މޫސުން ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހާމަކޮށްފިއެވެ.
މި އަހަރުގެ އީދު ދުވަހަކީ ކުރިއަށް އޮތް ބުދަ ދުވަހެވެ. މެޓް އޮފީހުން މައުލޫމާތު ދޭ ގޮތުގައި، ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ހައްޖު ދުވަހާއި އީދު ބަންދުގެ ދުވަސްތަކުގައި ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައިގަދަވެ، ބޯކޮށް ވާރޭވެހުމުގެ ފުރުސަތު ބޮޑެވެ. ނަމަވެސް، މި މުއްދަތުގައި ދެކުނުގެ އަތޮޅުތަކަށް މޫސުން ނިސްބަތުން ރަނގަޅުވާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
މޫސުމާ ބެހޭ އިދާރާއިން އިތުރަށް ބުނެފައިވަނީ، މިއަދުން ފެށިގެން މި ހަފުތާގެ ނިޔަލަށް ވައި ބާރުވެ، ވިއްސާރަ ދެމިގެންދާނެ ކަމަށެވެ. ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގައި ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެ ކަމަށް ލަފާކުރެވޭތީ، ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
އެހެންކަމުން، ދަތުރުވެރިންނާއި އުޅަނދުފަހަރު ދުއްވާ ފަރާތްތަކުން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، ސަލާމަތީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަމަށް ފަރުވާތެރިވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ނަސޭހަތްތެރިވެފައެވެ.



