ނިމިދިޔަ އޭޕްރީލް މަސް ނިމުނުއިރު، ދައުލަތުގެ ރަސްމީ ރިޒާވުން 46 އިންސައްތަ މަދުވެފައިވާކަން މަރުކަޒީ ބޭންކު (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ދައުލަތުގެ ރިޒާވަށް މި ބަދަލު އައިސްފައިވަނީ ވޭތުވެދިޔަ ދެ މަސްދުވަހުގެ ތެރޭގައި ރާއްޖެއިން ބޮޑެތި ދަރަނިތަކެއް އަދާކޮށްފައިވާ ދަނޑިވަޅެއްގައެވެ.
އެމްއެމްއޭގެ ހިސާބުތަކަށް ބަލާއިރު، މާރިޗު މަހު ރަސްމީ ރިޒާވްގައި 1.3 ބިލިއަން ޑޮލަރު ހުރި ނަމަވެސް، އޭޕްރީލް މަސް ނިމުނުއިރު އެ އަދަދު ވަނީ 718 މިލިއަން ޑޮލަރަށް ދަށްވެފައެވެ.
ރަސްމީ ރިޒާވްގެ އިތުރުން، ބޭނުންކުރެވޭ ރިޒާވް ނުވަތަ "ޔޫޒަބަލް ރިޒާވް" ވެސް ވަނީ 40 އިންސައްތަ ދަށަށް ގޮސްފައެވެ. އެގޮތުން މާރިޗު މަހު 400 މިލިއަން ޑޮލަރުގައި ހުރި ޔޫޒަބަލް ރިޒާވް، އޭޕްރީލް މަސް ނިމުނުއިރު ހުރީ 244 މިލިއަން ޑޮލަރުގައެވެ.
މި އަހަރުގެ ފުރަތަމަ ތިން މަހު ޔޫޒަބަލް ރިޒާވް އެއް ބިލިއަން ޑޮލަރަށް ވުރެ މަތީގައި ހުރި ނަމަވެސް، މިދިޔަ އަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު މިއަހަރުގެ އެ މުއްދަތުގައި ރިޒާވް ވަނީ 16 އިންސައްތަ ދަށަށް ގޮސްފައެވެ.
ސަރުކާރުން މި އަހަރުގެ މިހާތަނަށް ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރުގެ ދަރަނި އަދާކޮށްފައިވެއެވެ. މި އަހަރުގެ ބަޖެޓުން ދަރަނި އަނބުރާ ދެއްކުމަށާއި ލޯނުތަކުގެ އިންޓްރެސްޓަށް އެކަނިވެސް 10 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާ އިރު، މީގެ ތެރޭގައި ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) އާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ނަގާފައިވާ 400 މިލިއަން ޑޮލަރުގެ ސުވޮޕް ފެސިލިޓީ ދައްކައި ހަލާސްކުރުން ހިމެނެއެވެ.
މިކަމާ ގުޅިގެން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ، އެމްއެމްއޭގެ ބޭނުންކުރާ ރިޒާވް މިހާރު ހުރީ ވަރަށް ބޮޑަށް ދަށްވެފައި ކަމަށެވެ.




