އެމްޑީޕީގެ އާންމު މެންބަރުންނަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކިބައިން ނުވަތަ އެހެން އެއްވެސް ފަރާތެއްގެ ކިބައިން މާފަށް އެދެންޖެހޭނެ ބައެއް ނޫން ކަމަށް، އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ މީކާއީލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕޭނަށް ރ. ދުވާފަރަށް ކުރެއްވި ދަތުރުފުޅުގައި، މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ޕާޓީ ދޫކޮށް ވަޑައިގަންނަވަން ޖެހުމުން އެންމެ ބޮޑު ހިތާމައެއް ކުރައްވާނެ ބޭފުޅަކީ އެމަނިކުފާނު ކަމަށާއި، އެމްޑީޕީއަކީ އެމަނިކުފާނުގެ މުޅި ހަޔާތް ކަމަށެވެ.
އެހެންނަމަވެސް، ޕާޓީ ދޫކޮށް ވަޑައިގަންނަވަން ޖެހުމުން އެމަނިކުފާނު މާފަށް އެދިވަޑައިގަންނަވާ ކަމަށާއި، އޭގެ ބަދަލުގައި އާންމު މެންބަރުން ވެސް އެމަނިކުފާނުގެ ކިބައިން މާފަށް އެދުމަށް ވަނީ އެދިވަޑައިގެންފައެވެ.
ރައީސް ނަޝީދުގެ މި ވާހަކަފުޅާ ގުޅިގެން، ހއ. ކެލެއަށް މީކާއީލް ކުރެއްވި ޒިޔާރަތުގައި އެ ރަށުގެ މެންބަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މީކާއީލް ވިދާޅުވީ، ޕާޓީގެ އާންމު މެންބަރުން އެއްވެސް ބޭފުޅެއްގެ ކިބައިން މާފަށް އެދެންޖެހޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
އަދި ޕާޓީގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަކީ އާންމު މެންބަރުންގެ ބުރަ މަސައްކަތުން އެ މަގާމުތަކަށް އައިސްފައިވާ ބޭފުޅުންކަން އޭނާ ފާހަގަކުރެއްވިއެވެ.
އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ފޯރި ގަދަވެފައިވާއިރު، ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާއެކު ރައީސް ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވާއިރު، މީކާއީލްގެ ކެމްޕޭނުގައި ފެންނަނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިސް ބޭފުޅުންނެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދު ބަޔާންކުރާ ގޮތުން، ޗެއާޕާސަނަކީ ޕާޓީގެ އެތެރޭގެ އިދާރީ ހިންގުމާއި އިންތިޒާމުތައް ބަލަހައްޓާ އެންމެ އިސް ފަރާތެވެ. މި މަގާމުގެ ދައުރަކީ ފަސް އަހަރު ދުވަހެވެ.




