ދިވެހިރާއްޖޭގައި ޓެކްނިކަލް ޑައިވިންގް ތައާރަފުކޮށް، އެކަމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވައިލުމުގެ މަޝްވަރާތައް ކުރިއަށްދާކަން ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ހާމަކުރައްވައިފިއެވެ.
ތަރުޖަމާނު މިކަން ހާމަކުރެއްވީ، ވ. އަލިމަތާ ކައިރީގައި އޮންނަ ކަނޑުއަޑީގެ ހޮހަޅައަކަށް ފީނި އިޓަލީގެ ޑައިވަރުންތަކެއް މަރުވި ހިތާމަވެރި ހާދިސާއާ ގުޅިގެން އާންމުންގެ ކަންބޮޑުވުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މުންދު ވިދާޅުވީ، ޓެކްނިކަލް ޑައިވިންގް ނުވަތަ 'ޓެކްރެކް' ޑައިވިންގްއާ ގުޅޭ ހާއްސަ ގާނޫނެއް މިހާތަނަށް ރާއްޖޭގައި އެކުލަވައިލެވިފައި ނެތް ކަމަށެވެ. އެހެންކަމުން، މި ދާއިރާ ހަރުދަނާ އުސޫލުތަކެއްގެ ދަށުން ކުރިއަށް ގެންދިއުމަށްޓަކައި ގާނޫނެއް އެކުލަވައިލުމުގެ މަސައްކަތް ސަރުކާރުން މިހާރު ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މުންދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިފަދަ ގާނޫނެއް ވުޖޫދުވުމުން ރާއްޖޭގެ ކަނޑުތައް ދިރާސާކުރަން އަންނަ ބޭރުގެ ފަރާތްތަކަށާއި، ޓެކްނިކަލް ޑައިވަރުންނަށް ގާނޫނީ ރައްކާތެރިކަމާއި ފަސޭހަތައް ލިބިގެންދާނެއެވެ. އަދި އެކަމާ ގުޅޭ ހަރުދަނާ ގަވާއިދުތަކެއް ހެދި، އެކަން ނިޒާމީ ގޮތެއްގައި ބެލެހެއްޓޭނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވިއެވެ.
"ޓެކްނިކަލް ޑައިވިންގްއަކީ ހާއްސަ އާލާތްތަކާއެކު، އެކަމުގެ ފަންނީ ތަޖުރިބާ ލިބިފައިވާ މާހިރުންނަށް ނޫނީ ނުކުރެވޭނެ ނުރައްކާތެރި ކަމެއް. އެހެންކަމުން، ވަރުގަދަ ގަވާއިދުތަކެއް އެކުލަވައިލައި، އެކަން ހަރުދަނާކޮށް ރެގިއުލޭޓްކުރުމަކީ ސަރުކާރުގެ އަމާޒެއް،" ތަރުޖަމާނު ވިދާޅުވިއެވެ.
ޓެކްނިކަލް އަދި ރެކްރިއޭޝަނަލް ޑައިވިންގއާ ބެހޭ ގާނޫނީ އޮނިގަނޑެއް އެކުލަވައިލުމުގެ އިބްތިދާއީ މަޝްވަރާތައް މިހާރު ވަނީ ފެށިފައެވެ. އިރާދަކުރެއްވިއްޔާ، ކަމާބެހޭ ފަރާތްތަކުގެ (ސްޓޭކްހޯލްޑަރުންގެ) ލަފަޔާއި އިރުޝާދާއެކު، ރާއްޖޭގައި ޓެކްރެކް ޑައިވިންގއާ ބެހޭ ގާނޫނެއް ވުޖޫދުވެ، އޭގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކަށް އަމަލުކުރަން ފެށޭނެ ދުވަސް މާލަސްތަކެއް ނުވެ ފެނިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.
ޓެކްނިކަލް ޑައިވިންގއަކީ އާންމުކޮށް ކުރާ ޑައިވްތަކާ ހިލާފަށް، ވަކި ހާއްސަ ތަމްރީނުތަކެއް ފުރިހަމަކޮށް، އެކަމަށް ބޭނުންވާ ހާއްސަ އާލާތްތައް ބޭނުންކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
ރާއްޖޭގައި ފަހުގެ ތާރީހެއްގައި ހިނގި އެންމެ ހިތާމަވެރި ޑައިވިންގ ހާދިސާ ދިމާވީވެސް، އެކަމަށް ބޭނުންވާ އެކަށީގެންވާ ތަމްރީނު ނެތި ޓެކްނިކަލް ޑައިވިންގއަށް ފޭބުމުގެ ތެރޭގައެވެ.
މި ހިނގާ މަހުގެ 14 ވަނަ ދުވަހު ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަސް ޑައިވަރުންގެ ތެރެއިން އެކެއްގެ ހަށިގަނޑު ފެނިފައިވަނީ 60 މީޓަރުގެ ފުންމިނުންނެވެ. ބާކީ ތިބި ހަތަރު މީހުންގެ ހަށިގަނޑު ހޯދާފައިވަނީ ބައިނަލްއަގުވާމީ "ޑައިވާސް އެލާޓް ނެޓްވޯކް" (ޑޭން) އާއި ދިވެހި ސިފައިންނާއި ފުލުހުން ގުޅިގެން ހިންގި ބޮޑު އޮޕަރޭޝަނެއްގެ ތެރެއިންނެވެ.



