މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދައުލަތަށް ލިބުނު އާމްދަނީ 12 އިންސައްތަ އިތުރުވެފައިވާކަން މިނިސްޓްރީ އޮފް ފައިނޭންސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މާލީ ވުޒާރާއިން އާންމުކުރި މަޢުލޫމާތުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ގާތްގަނޑަކަށް 17 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.
ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓުގައިވާ ގޮތުން، މި މަހުގެ 14 ވަނަ ދުވަހާ ހަމައަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީއަކީ 16.8 ބިލިޔަން ރުފިޔާއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 14.9 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 1.8 ބިލިޔަން ރުފިޔާ ނުވަތަ 12.2 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ ސަބަބުން ދައުލަތުގެ ބަޖެޓު މިވަގުތު އޮތީ އަރަނިކޮށެވެ.
ދައުލަތަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކުހުން ލިބުނު ފައިސާއެވެ. ޓެކްސްގެ ގޮތުގައި 13.3 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ ކުރީ އަހަރަށްވުރެ 1.9 ބިލިޔަން ރުފިޔާ ނުވަތަ 17.1 އިންސައްތަ އިތުރު އަދަދެކެވެ.
އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި މާލީ ވުޒާރާއިން ފާހަގަކުރަނީ ކޯޕަރޭޓް އިންކަމް ޓެކްސްއިން ލިބުނު ފައިސާ އިތުރުވުމެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް މި ޓެކުހުން 2.7 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 31.3 އިންސައްތައިގެ ކުރިއެރުމެކެވެ.
ޚަރަދުތަކަށް ބަލާއިރު، ދައުލަތުގެ ރިކަރަންޓް އަދި ކެޕިޓަލް ޚަރަދުގެ ޖުމްލަ ހުރީ 16.7 ބިލިޔަން ރުފިޔާގައެވެ. މިއީ މިދިޔަ އަހަރަށްވުރެ 22.4 އިންސައްތަ އިތުރުވުމެކެވެ. މީގެ ތެރެއިން ރިކަރަންޓް ޚަރަދު 14.7 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު، ކެޕިޓަލް ޚަރަދު ވަނީ 2.0 ބިލިޔަން ރުފިޔާއަށް އުފުލިފައެވެ.
މި މުއްދަތުގައި ލިބުނު އާމްދަނީ ޚަރަދަށްވުރެ އިތުރުވުމުގެ ސަބަބުން، ދައުލަތުގެ ބަޖެޓުން 118.2 މިލިޔަން ރުފިޔާގެ ސާޕްލަސްއެއް ވަނީ ރެކޯޑްކުރެވިފައެވެ.
ދަރަނި އަދާކުރުމާއި އިންޓަރެސްޓްގެ ޚަރަދުތައް 2.1 ބިލިޔަން ރުފިޔާގައި ހިފެހެއްޓިފައިވީ ނަމަވެސް، ސަބްސިޑީއަށް ކުރި ޚަރަދު ވަނީ 2.3 ބިލިޔަން ރުފިޔާއަށް ބޮޑުވެފައެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 77.8 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ. މިގޮތަށް ޚަރަދު ބޮޑުވީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އުފުލި، ކަރަންޓު އުފެއްދުމަށް ދޭ ސަބްސިޑީއަށް ކުރަންޖެހުނު ހޭދަ އިތުރުވުމުން ކަމަށް މާލީ ވުޒާރާއިން ބުނެއެވެ.




