ސަރުކާރުން ކުރިއަށްގެންދާ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު މިހާރު ވަނީ އިތުރުކޮށްފައެވެ. ކުރިން ހަމަޖެހިފައި އޮތީ މި ހިނގާ މަހުގެ ނިޔަލަށް އެޕްލިކޭޝަން ހުށަހެޅުމަށެވެ.
ހައުސިންގ މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި މި މުއްދަތު އިތުރުކުރަން ނިންމީ، އަޟްޙާ ޢީދުގެ ބަންދާ ގުޅިގެން ގިނަ ބަޔަކު ރަށުން ބޭރުގައި އުޅުމާއި، ސަރުކާރު ބަންދުވުމުގެ ސަބަބުން ބޭނުންވާ ލިޔެކިޔުންތައް ހޯދުމުގައި އާންމުންނަށް ދަތިތަކެއް ކުރިމަތިވަމުންދާތީއެވެ. މިކަމުގެ ޝަކުވާ ގިނަ ބަޔަކު ހުށަހަޅަމުންދާތީ، މާލެ ސަރަހައްދުގެ ހުރިހާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ފޯމު ހުށަހެޅުމުގެ ސުންގަޑި އަންނަ މަހުގެ 15 ވަނަ ދުވަހުގެ ރޭގަނޑު 23:59 އާ ހަމައަށް މިހާރު ވަނީ ފަސްކޮށްފައެވެ.
ފޯމު ހުށަހަޅާއިރު، އެދެނީ ރަނގަޅު ސްކީމަށްތޯއާއި ހުރިހާ މަޢުލޫމާތަކާއި ލިޔެކިޔުމެއް ފުރިހަމައަށް ހުރިތޯ ޔަގީންކުރުމަށް އެ މިނިސްޓްރީން އިލްތިމާސްކުރެއެވެ. އަދި ފޯމު ހުށަހެޅުމަށްފަހު ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ކާމިޔާބުކަމާއެކު ސަބްމިޓްވިކަން ކަށަވަރުކުރުމަށްވެސް ވަނީ އެދިފައެވެ.
މި މަޝްރޫޢުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދާއި ރަސްމާލެ ހިމެނޭހެން ޖުމްލަ 15,000 ގޯއްޗާއި، 7,900 ފްލެޓް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ފްލެޓްތަކުގެ ތެރެއިން 4,000 ފްލެޓް މާލޭގެ ރަށްވެހިންނަށް، 1,500 ފްލެޓް މާލޭގައި އުޅޭ އެހެން ރަށްރަށުގެ މީހުންނަށް، އަދި 2,400 ފްލެޓް ޚާއްޞަ ކެޓަގަރީތަކަށް ވަނީ ކަނޑައަޅާފައެވެ.
ގޯތި ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް 10,000 ގޯތި، މާލޭގައި ދިރިއުޅޭ މީހުންނަށް 3,000 ގޯތި، އަދި ނިކަމެތި ހާލަތުގައި ތިބި މީހުންނަށް 500 ގޯތި ދިނުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން މާލޭގެ ހަނި ގޯޅިތަކުގައި އުޅޭ ފަރާތްތަކަށް 1,500 ގޯތި ޚާއްޞަކޮށްފައިވާއިރު، ކުރީގެ ސްކީމްތަކުން ކުދި ފްލެޓް ލިބިފައިވާ މީހުންނަށް ވަކި އުޞޫލެއްގެ ދަށުން 3 ކޮޓަރީގެ ފްލެޓަށް އެދުމުގެ ފުރުޞަތުވެސް ލިބޭނެއެވެ.
މީގެ އިތުރުން، ބައެއް އުޞޫލުތަކަށް ބަދަލު ގެނެސް، ކައިވެނިކޮށްގެން އުޅޭ މީހެއްގެ ނަމުގައި ބޯހިޔާވަހިކަމެއް އޮތަސް އަނެކާއަށް ގޯއްޗަށް ކުރިމަތިލެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި ޖޮއިންޓްކޮށް ގޯތި ލިބިފައިވާ މީހުންނަށް އެ ދޫކޮށްލުމަށްފަހު ވަކިން ކުރިމަތިލުމުގެ ފުރުޞަތާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލުއި ފަސޭހަވާނެހެން އުޞޫލުތައް ބަދަލުކޮށް ފްލެޓަށް އެދުމުގެ ފުރުޞަތުވެސް މިހާރު ވަނީ ހުޅުވާލާފައެވެ.




