ވ. އަތޮޅު ދެކުނު ކަނޑު ނުވަތަ ތިންވަނަ ކަނޑުގައި އޮންނަ ކަނޑުއަޑީގެ ބޮޑު ހޮހަޅައަށް، އެކަށީގެންވާ ތަމުރީނާއި ޚާއްސަ އާލާތްތަކާ ނުލައި އެއްވެސް ފަރާތަކުން ނުވަނުމަށް ޑައިވާސް އެލާޓް ނެޓްވޯކް(ޑޭން) ރެސްކިއު ޓީމުގެ ރިޕޯޓުގައި އިލްތިމާސްކޮށްފިއެވެ.
އިޓަލީގެ ފަސް ފަތުރުވެރިންނާއި ދިވެހި ސިފައިންގެ ޑައިވަރެއްގެ ފުރާނަ ގެއްލުނު ހިތާމަވެރި ހާދިސާއާ ގުޅިގެން ކުރިއަށްގެންދިޔަ ސާޗް އެންޑް ރިކަވަރީ އޮޕަރޭޝަން ނިންމާލުމަށްފަހު، ޑޭން ޔޫރަޕުން ނެރުނު ބަޔާނުގައި، ހާދިސާ ހިނގަން މެދުވެރިވި ސަބަބުތަކާއި، ހޮހަޅައިގެ އެތެރޭގެ ނުރައްކާތެރި މާހައުލުގެ އިތުރުން، މީހުން ހޯދުމަށް ހިންގި އޮޕަރޭޝަންގެ ތަފުސީލުތައް ވަނީ ހިއްސާކޮށްފައެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހިނގި މި ހާދިސާގައި ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައިވަނީ މި މަހުގެ 18 އިން 21 އަށް، ޖުމުލަ ހަތަރު ދުވަހުގެ މުއްދަތަށެވެ. މި އޮޕަރޭޝަންގައި އެމްއެންޑީއެފް، ފުލުހުންގެ ޚިދުމަތް، ޑޭން ޔޫރަޕް، ނަކައި ރިސޯޓް އަލިމަތާ، ވޯޓާ ސޮލިއުޝަންސް، ފޯސައިޓް ސާވޭޔާސް، ފިންލޭންޑުގެ ޓެކްނިކަލް ޑައިވިން ޓީމެއް އަދި އިޓަލީގެ ޚާރިޖީ ވުޒާރާގެ އެހީތެރިކަން ލިބިފައިވެއެވެ.
ޑޭން ޔޫރަޕުން ފާހަގަކުރި ގޮތުގައި، މިއީ އިންތިހާއަށް ނުރައްކާތެރި އަދި ގޮންޖެހުންތަކުން ފުރިގެންވާ މާހައުލެއްގައި ކުރިއަށްގެންދިޔަ މަސައްކަތެކެވެ. އޮޕަރޭޝަންގެ ފުރަތަމަ ދުވަހު ޑައިވް ޓީމުން ވަނީ ހޮހަޅައިގެ އެތެރެ ބަލައި ފާސްކޮށް، ގެއްލުނު ޑައިވަރުން ތިބި ސަރަހައްދު ދެނެގަނެފައެވެ. އެއަށްފަހު، ދެވަނަ ދުވަހާއި ތިންވަނަ ދުވަހު ވަނީ އިޓަލީ ޑައިވަރުންގެ ހަށިތައް ނަގާފައެވެ.




