މިއަހަރުގެ މިހާތަނަށް ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓުގެ ގޮތުގައި އެއް ބިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަން މިނިސްޓްރީ އޮފް ފައިނޭންސްއިން ހާމަކޮށްފިއެވެ.
މިއަހަރަކީ ރާއްޖޭގެ ތާރީޚުގައިވެސް ކައުންސިލްތަކަށް އެންމެ ބޮޑު ބްލޮކް ގްރާންޓެއް ދިނުމަށް ކަނޑައަޅާފައިވާ އަހަރެވެ. ފައިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ "ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް" ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ މިހާތަނަށް ކައުންސިލް ގްރާންޓުގެ ގޮތުގައި 1 ބިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދޫކުރި 718.2 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 45.7 އިންސައްތައިގެ އިތުރުވުމެކެވެ.
މި އަހަރުގެ ބަޖެޓުގައި ކައުންސިލްތަކަށް ދިނުމަށް ޖުމްލަ 2.5 ބިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. ފާއިތުވި އަހަރުތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2023 ވަނަ އަހަރު 2.1 ބިލިޔަން ރުފިޔާ ބަޖެޓުކުރި ނަމަވެސް، އެ އަހަރު ވަނީ ބަޖެޓަށްވުރެ އިތުރަށް 8 މިލިޔަން ރުފިޔާ ހޭދަކޮށްފައެވެ. އަދި 2024 ވަނަ އަހަރުވެސް ކައުންސިލްތަކަށް 2.2 ބިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ.
ކައުންސިލްތަކަށް ފައިސާ ދޫކުރުމުގައި އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ސިޓީ ކައުންސިލްތަކެވެ. އޭގެ ތެރެއިންވެސް އެންމެ ބޮޑު ބަޖެޓެއް ކަނޑައެޅިފައިވަނީ މާލޭ ސިޓީ ކައުންސިލަށެވެ. 2020 ވަނަ އަހަރުން ފެށިގެން ކައުންސިލްތަކަށް ފައިސާ ދޫކުރަމުންދަނީ ދައުލަތަށް ލިބޭ އާމްދަނީއަށް ބިނާކޮށް ކަނޑައަޅާފައިވާ ފިސްކަލް ފޯމިއުލާއެއްގެ ދަށުން "ބްލޮކް ގްރާންޓް"ގެ ގޮތުގައެވެ.
އަލަށް އިންތިޚާބުވި ކައުންސިލްތައް ހުވާކޮށް، މަސައްކަތް ފަށާފައިވާއިރު، މިއަހަރުގެ ނިޒާމަށް އަންނާނެ އެންމެ ބޮޑު ބަދަލަކީ އަތޮޅު ކައުންސިލްތަކުގެ އޮނިގަނޑަށް އަންނަ ބަދަލުތަކެވެ.




