ދިވެހިރާއްޖޭގެ ކަނޑޫފާތައް ރައްކާތެރިކޮށް ދެމެހެއްޓެނިވި ގޮތެއްގައި އާލާކުރުމަށްޓަކައި، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން 4 މިލިއަން ޔޫރޯ (ގާތްގަނޑަކަށް 71.6 މިލިއަން ރުފިޔާ) ގެ ހިލޭ އެހީއެއް ދިނުމަށް ނިންމައި، އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
"މުޖުތަމައު ބައިވެރިކޮށްގެން ރާއްޖޭގެ ކުޅިތައް ހިމާޔަތްކޮށް އާލާކުރުން" މި ނަމުގައި ކުރިއަށްގެންދާ މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވީ މިއަދު ހެނދުނު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައެވެ.
ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެރީނާ އަބްދުއްސަމަދެވެ. އީޔޫގެ ފަރާތުން މި އެއްބަސްވުން ސަރުކާރާ ހަވާލުކޮށްދެއްވީ، ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ ފަރާތްޕުޅުން، އީޔޫ ޑެލިގޭޝަންގެ ހެޑް އޮފް ކޯޕަރޭޝަން ޑރ. ޖޮހާން ހެސޭއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ. ޖޮހާން ހެސޭ ފާހަގަކުރެއްވި ގޮތުގައި، ކަނޑޫފާތަކަކީ ރަށްތަކުގެ ގޮނޑުދޮށްތައް ހިމާޔަތްކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ގުދުރަތީ ވަސީލަތެކެވެ. އަދި މިފަދަ ތަންތަން ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކުރެވޭނީ އާންމު ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާއި، ހަރުދަނާ ސިޔާސަތުތަކެއްގެ އެހީގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފޮރިން މިނިސްޓްރީން މައުލޫމާތު ދެއްވި ގޮތުގައި، މި އެހީގެ ދަށުން ކުރިއަށްގެންދާނީ މުޖުތަމައުގެ ސީދާ ބައިވެރިވުން ހިމެނޭ "ކޮމިއުނިޓީ ބޭސްޑް އިނިޝިއޭޓިވް" މަޝްރޫއުތަކެކެވެ. މީގެ ތެރޭގައި ތިމާވެށީގެ ދިރުންތައް ހިމާޔަތްކުރުމާއި، އައްސޭރިފަށް ރައްކާތެރިކުރުމުގެ އިތުރުން، މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ކުޅިތަކާއި ފާ ފަދަ ތަންތަނުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުން ހިމެނެއެވެ.




