ސިޓީތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންނަށް މަހަކު 41,000 ރުފިޔާ އަދި ރަށްރަށުގެ ކޮމިޓީތަކުގެ ރައީސުންނަށް މަހަކު 21,000 ރުފިޔާގެ މުސާރައެއް ދިނުމަށް ނިންމައިފިއެވެ.
ނެޝަނަލް ޕޭ ކޮމިޝަނުން ވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންނާއި މެންބަރުންގެ މުސާރައާއި އިނާޔަތްތަކަށް ގެނައި މި ބަދަލުތައް ކަނޑައަޅައި، އެކަން ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) އަށް އަންގާފައެވެ.
ސިޓީތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މުސާރަ:
ޕޭ ކޮމިޝަނުން ކަނޑައެޅި އާ އޮނިގަނޑުގައިވާ ގޮތުން، ސިޓީތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ އަސާސީ މުސާރައަކީ 33,000 ރުފިޔާއެވެ. މީގެ އިތުރުން، ލިވިންގ އެލަވަންސްގެ ގޮތުގައި 8,500 ރުފިޔާ ހިމެނޭހެން، މަހެއްގެ މައްޗަށް ޖުމްލަ 41,500 ރުފިޔާ މުސާރައާއި އިނާޔަތުގެ ގޮތުގައި ލިބޭނެއެވެ.
ސިޓީތަކުގެ ކޮމިޓީތަކުގެ ނައިބު ރައީސުންގެ އަސާސީ މުސާރައަކީ 5,000 ރުފިޔާއެވެ. އަދި ބާއްވާ ކޮންމެ ބައްދަލުވުމަކަށް ހާޒިރުވުމުން 500 ރުފިޔާގެ އެލަވަންސެއް ލިބޭއިރު، މީޓިންގ އެލަވަންސްގެ ގޮތުގައި މަހަކު އެންމެ ގިނައިން ލިބޭނީ 2,000 ރުފިޔާއެވެ. އެހެންކަމުން ނައިބު ރައީސުންނަށް މަހަކު ޖުމްލަ ލިބޭނީ 7,000 ރުފިޔާއެވެ.
މީގެ އިތުރުން، ސިޓީތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އާދައިގެ މެންބަރަކަށް މަހެއްގެ މައްޗަށް ޖުމްލަ ލިބޭނީ 6,000 ރުފިޔާއެވެ.
ރަށްރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މުސާރަ:
ރަށު ކޮމިޓީގެ ރައީސާގެ އަސާސީ މުސާރައަކީ -/16,500 (ސޯޅަހާސް ފަސްސަތޭކަ) ރުފިޔާއެވެ. މީގެ އިތުރުން، ލިވިންގ އެލަވަންސްގެ ގޮތުގައި ދެވޭ -/4,500 (ހަތަރުހާސް ފަސްސަތޭކަ) ރުފިޔާއާއެކު، މަހެއްގެ މައްޗަށް ޖުމްލަ އުޖޫރައަކީ -/21,000 (އެކާވީސްހާސް) ރުފިޔާއެވެ.
ކޮމިޓީގެ ނައިބު ރައީސާގެ އަސާސީ މުސާރައަކީ -/4,000 (ހަތަރުހާސް) ރުފިޔާއެވެ. މީގެ އިތުރުން، ބާއްވާ ކޮންމެ ބައްދަލުވުމަކަށް ހާޒިރީ އިނާޔަތުގެ ގޮތުގައި 500 (ފަސްސަތޭކަ) ރުފިޔާ ލިބޭނެއެވެ. މި އިނާޔަތުގެ ގޮތުގައި މަހެއްގެ މައްޗަށް އެންމެ ގިނަވެގެން ދެވޭނީ -/2,000 (ދެހާސް) ރުފިޔާ ކަމަށްވާތީ، ނައިބު ރައީސާއަށް މަހެއްގެ މައްޗަށް ޖުމްލަ ލިބިވަޑައިގަންނަވާނީ -/6,000 (ހަހާސް) ރުފިޔާއެވެ.
ސިޓީތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރަކަށް މަހެއްގެ މައްޗަށް ޖުމްލަ މުސާރައިގެ ގޮތުގައި ކަނޑައެޅިފައިވަނީ -/5,000 (ފަސްހާސް) ރުފިޔާއެވެ.



