ޚާއްޞަ އިސްކަންދެވޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީން، އެ ފަރާތުގެ ބަދަލުގައި ބެލެނިވެރިޔާއަށް ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން މިއަދު ހުޅުވާލައިފިއެވެ.
މި ބަދަލު ގެނައުމުގެ މައިގަނޑު މަޤްޞަދަކީ، އަމިއްލައަށް ފޯމު ހުށަހެޅުމަށް އުޒުރުވެރިވާ ފަރާތްތަކާއި 18 އަހަރު ނުފުރޭ ކުޑަކުދިންގެ ބެލެނިވެރިންނަށް، އެ ފަރާތްތަކުގެ ޙައްޤުގައި ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް މަގުފަހިކޮށްދިނުން ކަމަށް އެ މިނިސްޓްރީން މަޢުލޫމާތުދެއެވެ.
މި ފުރުސަތުގެ ދަށުން ފްލެޓަށް އެދި ހުށަހެޅޭނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ބެލެނިވެރިންނަށެވެ.
ފްލެޓަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަޖެހިފައިވަނީ 20 މޭ 2026 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެން، 15 ޖޫން 2026 ވާ ހޯމަ ދުވަހުގެ ރޭގަނޑު 23:59 ގެ ނިޔަލަށެވެ. އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕޯޓަލް މެދުވެރިކޮށެވެ.
މި މަޝްރޫޢާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން، މިނިސްޓްރީގެ ހޮޓްލައިން ނަންބަރުތައް ކަމަށްވާ 4004860 އިން ފެށިގެން 4004865 އާ ދެމެދުގެ ނަންބަރަކަށް ގުޅުއްވުމަށް ނުވަތަ hotline@infrastructure.gov.mv އަށް އީމެއިލް ކުރެއްވުމަށް އެ މިނިސްޓްރީން އިލްތިމާސްކުރެއެވެ.




