ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް އެ މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދާނެ ތާވަލާއި ވަގުތުތައް، މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ކަނޑައަޅައި ފާސްކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ނިންމާފައިވަނީ، ނާޒިމް ވަކިކުރުމުގެ ބަހުސް ކުރިއަށްދާ ޖަލްސާގެ ޖުމްލަ ވަގުތަކީ އެއް ގަޑިއިރު ކަމަށެވެ. ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު ހުށަހަޅުއްވައި، ދުވާފަރު ދާއިރާގެ މެންބަރު މުޙައްމަދު ޢަލީ ތާއީދުކުރެއްވި މި ހުށަހެޅުމުގައިވާ ގޮތުން، މަގާމުން ވަކިކުރުމުގެ މައްސަލައަށް ތަޅުމުގައި ޖަވާބުދާރީވުމަށް ނާޒިމަށް ލިބިވަޑައިގަންނަވާނީ 10 މިނެޓެވެ.
މީގެ އިތުރުން، މި މައްސަލައިގައި މަޖިލީހުގެ އެހެން މެންބަރުން ބަހުސް ކުރެއްވުމަށް ޖުމްލަ 50 މިނެޓުގެ ވަގުތެއް ކޮމިޓީން ވަނީ ކަނޑައަޅާފައެވެ. މި ވަގުތު ބަހާލުމަށް ހަމަޖެހިފައިވަނީ ބަހުސްގައި ބައިވެރިވެވަޑައިގަންނަވާ ކޮންމެ މެންބަރަކަށް ގިނަވެގެން 3 މިނެޓު ލިބޭނެ އުސޫލުންނެވެ.
ވެރިކަންކުރާ ޕީއެންސީގެ ސުޕާ މެޖޯރިޓީ އޮންނަ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ނާޒިމް ވަކިކުރުމުގެ މައްސަލަ ހުށަހަޅާފައިވަނީ، އޭނާ މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރައްވައި، މަޖިލީހުގެ ތެރޭގައި ފިތުނަ އާއި ބައިބައިވުން އުފެއްދުމަށް މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތުގައެވެ. މި ގަރާރުގައި ޕީއެންސީގެ 73 މެންބަރަކު ވަނީ ސޮއިކުރައްވާފައެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން، މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް ވަކިކުރުމުގެ ގަރާރެއް ތަޅުމަށް ހުށަހެޅުމުގެ ކުރިން، އެ މައްސަލައެއްގެ ބަހުސް ކުރިއަށް ގެންދާނެ އިޖުރާއަތްތައް އާންމު ކޮމިޓީން ނިންމަންޖެހެއެވެ.



