ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް އެ މަޤާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ޤަރާރާ ގުޅޭގޮތުން ބަހުސްކުރާނެ ވަގުތާއި އުޞޫލުތައް ކަނޑައެޅުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ޢާންމު ކޮމިޓީގެ ބައްދަލުވުމެއް މިއަދަށް ތާވަލުކޮށްފިއެވެ.
މަޖިލީހުގެ އިދާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޢާންމު ކޮމިޓީގެ 5 ވަނަ ބައްދަލުވުން އޮންނާނީ މިއަދު ހަވީރު 16:00 ގައެވެ. މި ބައްދަލުވުމުގެ މައިގަނޑު އެޖެންޑާއަކީ ނައިބު ރައީސް ވަކިކުރުމުގެ މައްސަލައިގައި ޢަމަލުކުރާނެ އިޖުރާއަތްތައް ނިންމުމެވެ.
މީގެ ތެރޭގައި ބަހުސްގައި ބައިވެރިވާނެ މެންބަރުންގެ އަދަދާއި، ކޮންމެ މެންބަރަކަށް ވާހަކަދެއްކުމަށް އެކަށައަޅާނެ ވަގުތު ކަނޑައެޅުން ހިމެނެއެވެ.
މީގެ އިތުރުން، މަޤާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ނައިބު ރައީސަށް އަމިއްލަ ދިފާޢުގައި ވާހަކަދެއްކުމަށް ދެވޭނެ ފުރުޞަތުތަކުގެ އަދަދާއި، އެ ފުރުޞަތުތަކުގެ ދިގުމިން ކަނޑައެޅުމަށްވެސް މި ބައްދަލުވުމުގައި ނިންމާނެއެވެ.
ވެރިކަން ކުރާ ޕީ.އެން.ސީގެ ބޮޑު އަޣުލަބިއްޔަތެއް އޮތް މަޖިލީހުގެ ނައިބު ރައީސް ކަމުން ނާޒިމް ވަކިކުރުމަށް ހުށަހެޅީ، މަޤާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރައްވައި، މަޖިލީހުގެ ތެރޭގައި ފިތުނަ އުފެއްދުމަށް މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތުގައެވެ. މި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ ޕީ.އެން.ސީގެ 73 މެންބަރުންގެ ސޮޔާއެކުގައެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރެއް ތަޅުމަށް ހުށަހެޅުމުގެ ކުރިން، އެ މައްސަލައިގެ ބަހުސް ކުރިއަށްދާނެ ވަގުތާއި އަމިއްލަ ދިފާޢުގައި ވާހަކަދެއްކުމުގެ އުޞޫލުތައް ޢާންމު ކޮމިޓީން ކަނޑައަޅަންޖެހެއެވެ.



