ލޭގެ ބަލިތަކަށް ޚާއްޞަވެވަޑައިގަތް ފުރަތަމަ ދިވެހި ޑޮކްޓަރު، ޑރ. ޒީނާ މުޙައްމަދު ފުއާދު އައި.ޖީ.އެމް.އެޗްގައި ޚިދުމަތް ދެއްވަން ފަށްޓަވައިފިއެވެ.
އައި.ޖީ.އެމް.އެޗުން ހާމަކުރި ގޮތުގައި، ޑރ. ޒީނާ އެ ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާނީ ކްލިނިކަލް ހީމަޓޮލޮޖީގެ ކޮންސަލްޓަންޓް ސަބް-ސްޕެޝަލިސްޓެއްގެ މަޤާމުގައެވެ.
މިކަމާ ގުޅޭގޮތުން އެ ހޮސްޕިޓަލުން އެކްސް (ކުރީގެ ޓްވިޓަރ) މެދުވެރިކޮށް ބުނެފައިވަނީ، ލޭގެ ބަލިތަކާ ބެހޭ ޚާއްޞަ ދާއިރާއިން ޑރ. ޒީނާ ހޯއްދެވި ފަންނީ ކުރިއެރުމަކީ ރާއްޖޭގެ ސިއްޙީ ދާއިރާއަށް ލިބުނު ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެއް ކަމަށެވެ.
އަދި ޑރ. ޒީނާގެ އިލްމާއި ތަޖުރިބާގެ ސަބަބުން، ލޭގެ އެކި ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށާއި މުޅި މުޖުތަމައަށް ނުހަނު ބޮޑު ލުޔަކާއި ފައިދާއެއް ލިބިގެންދާނެކަންވެސް އައި.ޖީ.އެމް.އެޗުން ފާހަގަކުރިއެވެ.
ޑރ. ޒީނާއަށް ދައްކަވަން ބޭނުންފުޅުވާ ފަރާތްތަކުން އެޕޮއިންޓްމަންޓް ހެއްދެވުމަށް، އެ ހޮސްޕިޓަލުގެ ނަންބަރު 3335335 އަށް ގުޅުއްވުމަށް އައި.ޖީ.އެމް.އެޗުން ވަނީ އިލްތިމާސްކޮށްފައެވެ.



