މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ އޮޅުންބޮޅުންތަކުން މަސްވެރިންނަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި، ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ "ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމުގެ" މަޝްރޫޢުގެ ދަށުން މިހާތަނަށް 2.5 މިލިއަން ލީޓަރުގެ ތެޔޮ ދޫކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ހާމަކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މަސްވެރިންނަށް މި ލުއި ފޯރުކޮށްދެނީ އެސް.ޓީ.އޯ ނުވަތަ އެފް.އެސް.އެމް މެދުވެރިކޮށް ކަމަށެވެ. މިއީ މަސްވެރިންގެ ފަރާތުން ހުށަހަޅާފައިވާ ވަރަށް ބޮޑު އެދުމަކަށްވާތީ، މި ނިންމުމާއެކު މަސްވެރިކަމުގެ ސިނާޢަތަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި މިހާރު ރާއްޖޭގެ ހުރިހާ ސަރަޙައްދަކުންވެސް މި ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ތަފާސްހިސާބުތަކަށް އަލިއަޅުވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ފެބްރުއަރީ މަހުން ފެށިގެން މިހާތަނަށް ޖުމްލަ 1,832 އުޅަނދަކަށް ތެޔޮ ދޫކޮށްފައިވާ ކަމަށެވެ. މި ޢަދަދުގެ ތެރޭގައި ތަކުރާރުކޮށް ތެޔޮ ހޯދި އުޅަނދުފަހަރުވެސް ހިމެނޭއިރު، މުޅި ޖުމްލަ 2.5 މިލިއަން ލީޓަރުގެ ތެޔޮ ވަނީ ފޯރުކޮށްދެވިފައެވެ.
މިފްކޯ މެދުވެރިކޮށް މި ޚިދުމަތް ދިނުމުގައި އުޅަނދުފަހަރުގެ ބޮޑުމިނަށް ބަލައި ވަކި އުސޫލުތަކެއް ވަނީ ކަނޑައަޅާފައެވެ.
އެގޮތުން:
85 ފޫޓަށްވުރެ ބޮޑެތި އުޅަނދުތަކަށް: 5,000 ލީޓަރު
50 ފޫޓާއި 85 ފޫޓާ ދެމެދުގެ އުޅަނދުތަކަށް: 3,000 ލީޓަރު
50 ފޫޓަށްވުރެ ކުދި އުޅަނދުތަކަށް: 1,500 ލީޓަރުގެ ތެޔޮ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.



