މާލޭ މާރުކޭޓުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއުގެ މަސައްކަތް ލަސްވަނީ މާލޭ ސިޓީ ކައުންސިލުން ބިން ހަވާލުނުކޮށްގެން ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
މިނިސްޓްރީ އޮފް ހައުސިންގް، ލޭންޑް އެންޑް އާރބަން ޑިވެލޮޕްމަންޓުން ހާމަކުރައްވާފައިވާ ގޮތުގައި، ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން މި މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި ޓްރަސްޓެންގް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ މިދިޔަ މާޗް މަހުގެ 15 ވަނަ ދުވަހުއެވެ.
ޖުމްލަ 116.9 މިލިއަން ރުފިޔާ އަށްވުރެ ބޮޑު ހޭދައެއް ހިނގާނެ ކަމަށް އަންދާޒާކުރެވޭ މި މަޝްރޫއަކީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ތާވަލުކުރެވިފައިވާ މަސައްކަތެކެވެ. މި މަޝްރޫއަށް ހިނގާ ޚަރަދު އަނބުރާ ދެއްކުމަށް ހަމަޖެހިފައިވަނީ 50 މަސްދުވަހަށް ބަހާލައިގެންނެވެ.
މި މަޝްރޫއުގެ ދަށުން ތަރައްގީކުރުމަށް ނިންމާފައިވަނީ ޖުމްލަ 5 ފަންގިފިލާގެ މައްޗަށް އެކުލެވޭ، ގާތްގަނޑަކަށް 85,000 އަކަފޫޓުގެ ބޮޑު އިމާރާތެކެވެ.
މިނިސްޓްރީން ފާހަގަކުރި ގޮތުގައި، މަޝްރޫއުގެ އިދާރީ އަދި މާލީ އެންމެހައި ކަންކަން ނިމި، ކޮންޓްރެކްޓަރު އަމަލީ މަސައްކަތް ފެށުމަށް ފުރިހަމައަށް ތައްޔާރުވެފައިވީ ނަމަވެސް، މާލެ ސިޓީ ކައުންސިލުން ބިން ހަވާލުނުކުރުމުގެ ސަބަބުން މަސައްކަތް ވަނީ މަޑުޖެހިފައެވެ.
މިދިޔަ މާޗް މަހުގެ 29 އިން ފެށިގެން މެއި މަހުގެ 18 އާ ހަމައަށް ހަތަރު ފަހަރެއްގެ މަތިން ބިން ހަވާލުކުރުމަށް އެދި ސިޓީ ފޮނުވި ނަމަވެސް، އެކަން ކާމިޔާބުވެފައިނުވާ ކަމަށް މިނިސްޓްރީން ބުނެއެވެ. ސިޓީ ކައުންސިލުން އެޕްރީލް 30 ގައި ފޮނުވި ޖަވާބެއްގައި ބުނެފައިވަނީ، ބިން ހަވާލުކުރުމުގެ ކުރިން މާލޭގެ މޭޔަރު، ހައުސިންގް މިނިސްޓަރާ ބައްދަލުކުރައްވަން ބޭނުންފުޅުވާ ކަމަށެވެ.
600 ދުވަހުގެ ތެރޭގައި ނިންމުމަށް އަމާޒު ހިފާފައިވާ މި މަޝްރޫއަކީ އާންމު ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ނުހަނު ފައިދާހުރި މުހިންމު މަސައްކަތެއްކަން މިނިސްޓްރީން ފާހަގަކުރެއެވެ.
އަދި މަސައްކަތް ލަސްވާ ކޮންމެ ދުވަހަކީ މަޝްރޫއުގެ ޖުމްލަ އަގު އުފުލި، ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ޚިދުމަތްތަކުން މަހްރޫމުވާނެ ކަމެއް ކަމަށްވެސް އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. ސަރުކާރުގެ އަމާޒަކީ މިފަދަ މަޝްރޫއުތައް ހަލުވިކަމާއެކު ކުރިއަށް ގެންގޮސް ރައްޔިތުންނަށް އޭގެ މަންފާ ވީހާވެސް އަވަހަށް ފޯރުކޮށްދިނުމެވެ.



